30 ނޮވެމްބަރ 2020 - 13:20

ޑެލަވެއާ (ނޮވެމްބަރު 30) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަންގެ ޕްރެސް ޓީމަށް މުޅިން ވެސް އަންހެން މެންބަރުން އިންތިޚާބުކޮށްފި އެވެ.
ބައިޑަންގެ އޮފީހުން ބުނީ މިއީ އެމެރިކާގެ ތާރީޚުގައި ވެސް ޕްރެސް ޓީމަށް މުޅިން އަންހެން މެންބަރުން ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށެވެ.
ޕްރެސް ޓީމު ލީޑް ކުރައްވާނީ ބައިޑަންގެ ކެމްޕޭންގެ ކުރީގެ ޑެޕިއުޓީ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ކޭޓް ބެޑިންފީލްޑެވެ. ޕްރެސް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާފައި ވަނީ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޖެން ސާކީ އެވެ.
ބައިޑަން ވަނީ މުޅި ގައުމުގެ ހާލަތަށް ރިޔާއަތް ކުރެވޭވަރުގެ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މުޅިން ވެސް އަންހެން މެންބަރުން ހިމެނޭ ގޮތަށް ވައިޓް ހައުސްގެ ސީނިއާ ކޮމިއުނިކޭޝަން ޓީމް އިއުލާން ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ގައުމު އަލުން ބިނާކުރުމުގައި ތަޖްރިބާކާރު މި ޓީމުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދާނެ،" ބައިޑަން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
ނައިބް ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވާ ކަމަލާ ހެރިސްގެ ޕްރެސް ޓީމުގައި އިސްކޮށް ތިއްބަވާނީ ސިމޯން ސެންޑާސް އާއި އޭޝްލީ އެންޓީން އެވެ.
ކެބިނެޓުގެ މަގާމުތަކާ ޚިލާފަށް ޕްރެސް އޮފީހަށް އައްޔަން ކުރާ މެންބަރުންނަށް ސެނެޓުގެ ރުހުން ބޭނުމެއް ނުވާނެ އެވެ.
އިންތިޚާބުގެ ކާމިޔާބީއާ އަށް ފަހު ބައިޑަން ގެންދަވަނީ ކެބިނެޓުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވަމުންނެވެ. ބައިޑަން ވިދާޅުވެފައި ވަނީ އެމަނިކުފާން އިއުލާން ކުރައްވާ ޓީމަކީ އެމެރިކާ ރައްކާތެރިކަމާ އެކު ކުރިއަށް ގެންގޮސް، ދުނިޔެ ލީޑްކުރާނެ ޓީމެއް ކަމަށެވެ.
ރައީސްގެ މަގާމާ ބައިޑަން ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ 20 ގަ އެވެ.