03 ޑިސެމްބަރ 2020 - 13:33

ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލައިފި އެވެ.
މިކަމާ ބެހޭ ގޮތުން ކަރެކްޝަނަލް ސާވިސްއާ ސުވާލުކުރުމުން މައުލޫމާތެއް ނުދިނެވެ. ނަމަވެސް އެހެން ބައެއް ފަރާތްތަކުން ވަނީ ސޮފްވަތު ޖަލުން ދޫކޮށްލާފައިވާކަން ޔަގީންކޮށްދީފަ އެވެ.
"މިހާރު" އަށް އެނގިފައިވާގޮތުގައި، 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި ހ. އެވާޕީސް، ސޮފްވަތު ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި 29 ގަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށުގައި މާފު ދިނުމަށް ގާނޫނުން ތަނެއް ނުދެ އެވެ. ނަމަވެސް ހުކުމް ލުއިކޮށްދެވިދާނެ އެވެ. ސޮފްވަތު ޖަލުން ދޫކޮށްލީ ކޮން ގޮތަކަށް ބަލާފައި ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
ސޮފްވަތުގެ އިތުރުން ގ. ޓްރަސްޓް ހޯމް އިސްމާއީލް މޫސާގެ މައްޗަށް ވެސް އެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އެނގިފައިވާ ގޮތުގައި، އޭނާ ދޫކޮށްލުމަށް ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުންނެވެ.
އެކަމަކު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިސްމާއިލްގެ އަދަބު ލުއިކޮށްދިނުމުގެ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށެވެ.
އެ މައްސަލައިގައި ސޮފްވަތާއި އިސްމާއިލް މޫސާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މާޗު 27، 2017 ގަ އެވެ.
މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާ އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މާޗު، 2014 ގަ އެވެ. އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފުލުހުން ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގި އެވެ. އެ އެއްޗެހި އަތުލައިގަތީ އެ ތަކެތި ފޮރުވާފައި ހުރި ޑިންގީ، ދޯންޏެއްގައި މާލެ ގެނެސް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވަ އެވެ.
އެއީ އޭރު ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެކެވެ.
އެ މައްސަލާގައި 18 މީހަކު ހައްޔަރު ކުރިޔަސް ހެކި ނެތުމުގެ ސަބަބުން، އިސްމާއިލް އާއި ސޮފްވަތު ފިޔަވައި ބާކީ ތިބި އެންމެންނަށް ދައުވާ ނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.