04 ޑިސެމްބަރ 2020 - 08:08

އިންސާނިއްޔަތަށް މިހާރު ކުރަމުން އަންނަ ހިދުމަތުގެ ތެރެއިން ދާދި ފަހުން ސްކޮލަޝިޕްގެ ފުރުސަތު ވެސް ދޭން ނިންމި އިންޑިއާގެ އެކްޓަރު ސޯނޫގެ ސޫދުގެ ނަމުގައި އިންޑިއާގެ ތައުލީމީ އެކެޑެމީއެއްގެ ޑިޕާޓްމަންޓަކަށް ނަން ދީފި އެވެ.
އުއްތަރު ޕްރަދޭޝްގެ ސަރަތު ޗަންދުރާ އައިއޭސް އެކެޑެމީ އާއި ސަރަތު ޗަންދުރާ ޑިގްރީ ކޮލެޖާއި ސަރަތު ޗަންދުރާ ޖޫނިއާ ކޮލެޖްގެ ޑިޕާޓްމަންޓަކަށް ސޯނޫގެ ނަން ދީ އެ ނަމާ އެކު ނަން ބޯޑް ވެސް ހަރުކޮށްފައިވެ އެވެ. ނަން ބޯޑުގައި އިންނަނީ ސޯނޫ ސޫދު ޑިޕާޓްމަންޓް އޮފް އާޓްސް އެންޑް ހިއުމެނިޓީޒް އެވެ.
މި ލިބުނު ޝަރަފާ ބެހޭ ގޮތުން ސޯނޫ މިއީ އޭނާ އިންސާނިއްޔަތަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
"އެހެންވީމާ އަހަރެންގެ ފަރާތުން އެ އިންސްޓިޓިއުޝަނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނަން." ސޯނޫ ބުންޏެވެ.
އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ނަމޫނާއެއްގެ ގޮތުގައި ސޯނޫ އަށް އާންމުންގެ ސަމާލުކަން ހުއްޓުނީ ކޮވިޑް-19 އާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި އެހީތެރިކަން ބޭނުންވި އެތައް ބަޔަކަށް އަމިއްލަ ހަރަދުގައި އެހީވާން ފެށުމުންނެވެ.
މިކަމާ ގުޅިގެން ޔޫއެންޑީޕީން ވެސް އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށް އެވޯޑް ދީފައިވާ އިރު ދާދި ފަހުން އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ވަނީ "ސްޓޭޓް އައިކަން އޮފް ޕަންޖާބް" ގެ މަގާމަށް ވެސް ސޯނޫ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ވެސް އެތައް ގޮތަކުން އެތައް ބަޔަކު އަންނަނީ ސޯނޫގެ ހިދުމަތްތައް ފާހަގަކުރަމުންނެވެ.