04 ޑިސެމްބަރ 2020 - 10:27

ލީޑްސް (ޑިސެމްބަރު 4) - ލީޑްސް ޔުނައިޓެޑްގެ ކޯޗަކަށް ހުރެ އިދިކޮޅު ޓީމުތަކުގެ ޓްރެއިނިންތައް ބަލަން މީހުން ފޮނުވީ ދިރާސާ ކުރުމުގެ ގޮތުން ކަމަށާއި އެއީ ޖާސޫސް ކުރުން ނޫން ކަމަށް އެ ޓީމުގެ ކޯޗު މާސެލޯ ބިއެލްސާ ބުނެފި އެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު ބިއެލްސާގެ ލީޑްސް އިން އޭރު ޑާބީ ކައުންޓީގެ ކޯޗަކަށް ހުރި ފްރޭންކް ލަމްޕާޑްގެ ތަމްރީންތައް ބަލަން ޕްރެކްޓިސް ދަނޑަށް ލީޑްސްގެ އޮފިޝަލަކު ފޮނުވި އެވެ. ޑާބީން އެ މައްސަލަ ޕޮލިހަށް ވެސް ހުށަހެޅި އެވެ. ޑާބީ ޕްރެކްޓިސް ބަލަން ބިއެލްސާ މީހަކު ފޮނުވީ ޑާބީ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. ލީޑްސް އިން އެ މެޗުގައި ޑާބީ ބަލިކުރިއިރު ޖާސޫސް ކުރި މައްސަލަ ހޫނުވެގެންދިޔަ އެވެ. ބިއެލްސާ ވަނީ ފަހުން އެ މައްސަަލައިގައި މާފަށް އެދިފަ އެވެ.
އެކަމަކު އިނގިރޭސި އެފްއޭ އިން އެ މައްސަލައިގައި ލީޑްސް 200،000 ޕައުންޑުން ޖޫރިމަނާކުރަން ނިންމި އެވެ. އަދި ބިލްސާ ވަނީ ނޫސްވެރިން ގެނެސް އޭނާ އިދިކޮޅު ޓީމުތައް ދިރާސާ ކުރަން ކުރާ މަސައްކަތް ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާލައިފަ އެވެ. އެ ޕްރެޒެންޓޭޝަނުގައި 70 މިނިޓް ވަންދެން ބިއެލްސާ ވަނީ ތަފްސީލްކޮށް އެ ސީޒަނުގައި ލީޑްސް އިން ކުޅުނު ކޮންމެ ޓީމެއް ކުޅޭ ސްޓައިލް ކިޔައިދީފަ އެވެ.
ޕްރިމިއާ ލީގުގައި މާދަމާރޭ ބިއެލްސާ ނުކުންނާނީ މިހާރު ލަމްޕާޑް ކޯޗުކޮށްދެމުން އަންނަ ޗެލްސީއާ ދެކޮޅަށެވެ. އެ ފަހަރު ލަމްޕާޑާއި ލީޑްސްގެ ސަޕޯޓަރުންގެ މެދުގައި ވެސް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ. ބިއެލްސާ ބުނީ ލަމްޕާޑާ ދެމެދު އޭރު ހިނގާދިޔަ ކަންތައްތަކުގެ އެއްވެސް ނުތަނަވަސްކަމެއް އޭނާގެ ނެތް ކަމަށެވެ.
"އެ މައްސަލައިގެ ކަމެއް މިހާރަކު ނެތް. އަހަރެން އެހެން ކޯޗުންނާ އެކު އޮންނަ ގުޅުން އޭނަ (ލަމްޕާޑް)އާ އެކު ވެސް އެބައޮތް،" ދުނިޔޭގެ ފުޓްބޯޅައިގައި މަޝްހޫރު ޓެކްޓީޝިއަނެއް ކަމަށްވާ ބިއެލްސާ ބުންޏެވެ.
"ހަގީގަތަކީ ޖާސޫސް ކުރުމާއި ދިރާސާ ކުރުމަކީ ދެ ކަމެއް. ފަހަރުގައި ބަޔަކަށް އެއްކަމެއްގެ ގޮތުގައި ސިފަވެދާނެ. އެ ފަހަރު އަހަންނަށް އެނގުނީ އެކަން ގޯސްކަން. އެކަމަކު މާ ބޮޑު ކަމެއް ދަސްކުރުމެއް ނޫން. އަހަރެން އަބަދުވެސް އިދިކޮޅު ޓީމު ދިރާސާކުރާނަން. އެއީ ފުޓްބޯޅައިގައި ކޯޗުން ކުރަން ޖެހޭ މަސައްކަތެއް،"
ޗެލްސީ ދަނޑުގައި ލީޑްސްއާ ކުޅޭ މެޗު ފަށާނީ މާދަމާރޭ ދަންވަރު 1 ޖަހާއިރު އެވެ.
އެ ފަހަރު ޑާބީ ދަނޑަށް ބިއެލްސާ މީހަކު ފޮނުވައި އެ ޓީމުގެ ޕްރެކްޓިސް ބެލުމާ ގުޅިގެން އިނގިރޭސި އެފްއޭ އާއި އީއެފްއެލް އިން ވަނީ ގަވާއިދެއް ހަދައިފަ އެވެ. އޭރު ހެދި ގަވާއިދުގައިވާ ގޮތުން ދެ ޓީމެއްގެ މެޗު ފެށެން 72 ގަޑިއިރަށް ވުރެން ކުޑަތަން ވެފައި އޮއްވައި އެއްވެސް ޓީމަކަށް އެއް ޓީމު އަނެއް ޓީމުގެ ޕްރެކްޓިހެއް އެއްވެސް ގޮތަކަށް ނުބެލޭނެ އެވެ.
ސޯޅަ އަހަރަށް ފަހު ލީޑްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ބިއެލްސާ ވަނީ ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ނޮމިނޭޓްވެފަ އެވެ. އާޖެންޓީނާ އަށް އުފަން ބިއެލްސާ ބުނީ އެއީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށާއި އެކަމަކު އެވޯޑަށް ވުރެ އަބަދުވެސް އޭނާ އަށް މުހިއްމީ ފުޓްބޯޅައިގެ ކުރިއެރުމަށް އޭނާ ހިތްހަމަޖެހިގެން ހުންނަން ކުރެވޭ މަސައްކަތް ކަމަށެވެ.