05 ޑިސެމްބަރ 2020 - 11:34

ބާސެލޯނާ (ޑިސެމްބަރު 5) - މި ސީޒަނުގައި ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީ ވިއްކާލިނަމަ އެއީ މާލީ ގޮތުން ބަލާއިރު ގޯސް ނިންމުމެއްގެ ގޮތުގައި ނުވާނެ ކަމަށް ބާސެލޯނާގެ ވަގުތީ ރައީސް ކާލެސް ޓަސްކުއެޓްސް ވިދާޅުވުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ބާސެލޯނާގެ ސަޕޯޓަރުންނާ އެތައް މައްސަލައެއް ޖެހި އެކަމުން އަރައިގަނެވޭނެ ގޮތެއް ނުފެނި ވަނިކޮށް ކްލަބްގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެފައި އޮއްވައި ބާސެލޯނާގެ ރައީސްގެ މަގާމުގައި ހުރި ޖޯސެފް ބާޓޮމެއު ވަނީ މަގާމުން މިދިޔަ އޮކްޓޫބަރު މަހު އިސްތިއުފާދީފަ އެވެ. އާ ރައީސަކު ހޮވަން ބާއްވާ އިންތިހާބު ޖެނުއަރީ 24 އަށް ތާވަލުކުރެވިފައިވާއިރު، މި ވަގުތު އެ ޓީމުގެ ލީޑަޝިޕާ ހަވާލުވެހުރީ ޓަސްކުއެޓްސް އެވެ.
ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓަސްކުއެޓްސް ވިދާޅުވީ ބާސެލޯނާ މާލީ ގޮތުން އޮތް ހާލަތަށް ބަލާއިރު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ވިއްކާލުމަކީ ބާސެލޯނާ އަށް ރަނގަޅު ނިންމުމެއް ކަމަށްވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާ އޭރު ކްލަބްގެ ލީޑަޝިޕްގައި ހުރިނަމަ އެ ގޮތަށް ނިންމާނެ ކަމަށެވެ.
ޓަސްކުއެޓްސް ދެއްކެވި ވާހަކަތަކާ ހެދި ކްލަބްގެ ސަޕޯޓަރުންގެ ނުރުހުން އޭނާ އަށް ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވެސް ވަނީ އެ ކަމަށް ޓަސްކުއެޓްސް އަށް ފާޑުކިޔައިފަ އެވެ.
"ކްލަބުން ބޭރުގެ މީހުން އެކި ކަހަލަ ވާހަކަ ދެއްކިޔަސް އެއީ އަހަރެން އެކަމަކާ މެދު އެހާ ފިކުރުކުރާނެ ކަމެއް ނޫން. އެކަމަކު ކްލަބްގެ ތެރޭގައި ތިބި ޒިންމާތަކާ ހަވާލުވެ ތިބި އިސް ފަރާތްތަކުން އެ ކަހަލަ ވާހަކަ ދެއްކީމަ އޭގެ އަސަރު ކުރާނެ. އެ ދެކެވޭ ވާހަކަ އަކީ ޓީމުގެ މަސްލަހަތަށް އަސަރުކުރާނެ ވާހަކަތަކެއްކަން އެނގެން ޖެހޭ،" ކޫމަން ބުންޏެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ވަނީ ރަސްމީކޮށް ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ. އެކަމަކު އޭރު އެކަން ހުއްޓުވީ ބާސެލޯނާގެ ބޯޑުންނެވެ. ބާސެލޯނާ ބޯޑުން ނިންމީ މެސީ އަށް ހިލޭ އެހެން ކްލަބަކަށް ނުދެވޭނެ ކަމަށާއި ކޮންޓްރެކްޓްގައި ބުނާ އަދަދަށް (700 މިިލިއަން ޔޫރޯ) އޭނާ ގެންދާ ކްލަބަކުން ފައިސާ ދޭން ޖެހޭނެ ކަމަށެވެ. ނިންމުން ބަދަލުކޮށް މެސީ ބާސެލޯނާގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ބުނީ އެންމެ ލޯބިވާ ކްލަބް ގޮވައިގެން ކޯޓަށް ދާން ބޭނުންނުވާތީ ކަމަށެވެ. ދާދި ފަހުން މެސީ ވަނީ ބާސެލޯނާގެ ހުރިހާ މައްސަލައެއްގެ އިލްޒާމު އޭނާ ބޮލުގައި އަޅުވާތީ ވަރުބަލިވެފައިވާ ކަމަށް ބުނެފަ އެވެ.
އުމުރުން 33 އަހަރުގެ މެސީ މި ވަގުތު ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ކޫމަން ބުނީ ކްލަބަށް ފައިދާ ހުރި ގޮތަށް މެސީ މަޑުކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"އޭނަ (ޓަސްކުއެޓްސް) އެ ވާހަކަ ދެއްކީ އަމިއްލަ ވިސްނުމުގައި. ކޮންމެ މީހެއްގެ ވެސް އަމިއްލަ ވިސްނުމެއް އޮންނާނެ. މެސީ މި ކްލަބް ބޭނުންވާ ގޮތަށް މި ޓީމުގައި މަޑުކުރާނެ،" ކޫމަން ބުންޏެވެ.
ކުރިން ބާސެލޯނާ އަށް ކުޅުނު ނޭމާ ވަނީ އަލުން މެސީއާ އެއް ޓީމަށް އަންނަ އަހަރު ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނޭމާގެ އެ ވާހަކަތަކަށް އިޝާރާތްކޮށް ކޫމަން ބުނީ އެހެން ކްލަބްތަކުގައި ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކުން ރަނގަޅުނުވާނެ ކަމަށާއި އެހެން ނަމަވެސް ދުނިޔޭގައި ތިބި މޮޅު ކުޅުންތެރިންނަށް ކޯޗުކޮށްދިނުމަކީ ކޮންމެ ކޯޗެއްގެ ވެސް އަމާޒަކަށްވާނެ ކަމަށެވެ.