ޒަކާގެ ރުޅި ކޮންޓްރޯލް ކުރަން ޖެހޭ: ވެންގާ
ޒަކާގެ ރުޅި ކޮންޓްރޯލް ކުރަން ޖެހޭ: ވެންގާ

ލަންޑަން (ނޮވެމްބަރު 4) - އާސެނަލަށް ކުޅޭ ސްވިޒަލެންޑުގެ މިޑްފީލްޑަރު ގްރޭނިޓް ޒަކާގެ ރުޅި ކޮންޓްރޯލް ކުރަން އެ ޓީމުގެ ކޯޗު އާސެން ވެންގާ އެދެފި އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ބޮރޫޝިއާ މޮންޗެންގްލަޑްބެކް ދޫކޮށް އާސެނަލަށް ބަދަލުވި ފަހުން ޒަކާ އަށް އެ ޓީމުން ގިނައިން ފުރުސަތު ލިބެނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެކަމަކު ފަހަކަށް އައިސް އާސެނަލް ކުޅުނު ގިނަ މެޗުތަކުގައި ޒަކާ ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައިފަ އެވެ.

ލީގުގައި މިދިޔަ މަހު ސްވަންސީ ސިޓީ އަތުން 3-2 އިން އާސެނަލް މޮޅުވި މެޗުގައި ޒަކާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭގެ ފަހުން ޒަކާ އާސެނަލަށް ކުޅެދިން ކޮންމެ މެޗެއްގައި އޭނާ އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

"ޒަކާ އަކީ ހުނަރުވެރި މިޑްފީލްޑަރެއް. އެކަމާ މެދު ޝައްކެތް ނެތް. އެކަމަކު ކުޅުންތެރިން އެބަޖެހޭ ރުޅި ކޮންޓްރޯލް ކުރަން. ޒަކާ އަކީ ރުޅިގަދަ ކުޅުންތެރިޔެއް. ޕްރިމިއާ ލީގު ކަހަލަ ފިޒިކަލް ލީގެއްގައި ރުޅި ކޮންޓްރޯލް ނުކޮށްފިނަމަ އޭގެ ގެއްލުން ލިބޭނީ މުޅި ކްލަބަށް،" ވެންގާ ބުންޏެވެ.

ލީގުގައި ދެން އެންމެ އަވަހަށް އާސެނަލް ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ކުޅޭނީ ވާދަވެރި ޓޮޓެންހަމާ ދެކޮޅަށެވެ. ވެންގާ ބުނީ އެ މެޗަށް ޓީމު ނެގުމަކީ ބޮލު ރިހުމަކަށްވެފައިވާ ކަމަށެވެ.

"މިވަގުތު ވަރަށް ގިނަ ކުޅުންތެރިން ތިބީ ފޯމުގައި. ފުރަތަމަ އެގާރަ ނެގުން އުނދަގޫ ކަމަކަށްވެއްޖެ. އެއްވެސް ކުޅުންތެރިޔަކު ބާކީކުރަން ބޭނުމެއް ނޫން. އެކަމަކު އެންމެ ރަނގަޅު އެގާރަ ނަގަން މި ޖެހެނީ. އިންސާފުވެރިކޮށް ޓީމަށް ފައިދާ ވާނެގޮތަކަށް އިސްކަންދޭނީ،" ވެންގާ ބުންޏެވެ.

އާސެނަލް މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެއްވަރަށް 10 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް 10 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ.