07 ޑިސެމްބަރ 2020 - 11:21

ކޮވިޑް-19އާ އެކު ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކަށް ވެސް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ.
ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އާއި އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކުންނެވެ. ކޮވިޑްގެ ކުރިން ވަކިވަކި ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާ އާއި އިޓަލީ ފަދަ ގައުމުތައް މިވަގުތު ވަނީ، ރާއްޖޭގެ ޓޫރިޒަމްގެ ލިސްޓުން ވެއްޓިފަ އެވެ.
ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރާ ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހަންމަދު ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ޓްރެންޑަށް އެހާ ބޮޑު ބަދަލެއް އައިތަން ފެންނަނީ ދަތުރުފަތުރު ކުރުމުގައި އަދިވެސް ގިނަ ގައުމުތަކުގައި ހުރި ހުރަސްތަކުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން ކުރީގެ މަންޒިލްތައް ދޫކޮށްލީކީ ނޫން. އެކަމަކު މިހާރު އިޝްތިހާރު ކުރުމުގައި އިސްކަން ދެނީ ހުޅުވާލައިފައިވާ ގައުމުތަކަށް،" ތޮއްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު މަޝްހޫރުވެފައި އޮތީ "އެންމެ ރައްކާތެރި" އެއް ގައުމުގެ ގޮތުގަ އެވެ. ބޯޑަރު އަވަހަށް ހުޅުވައިލައި މިގޮތުގައި ކުރިއަށް ދިއުމަކީ ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ތޮއްޔިބުގެ ނަޒަރުގައި އެމެރިކާ އާއި ރަޝިއާ އާއި ޔޫކްރެއިން އާއި މިޑްލް އީސްޓުގައި ރާއްޖޭގެ މަގްބޫލުކަން ވަރަށް ބޮޑެވެ.
މި މަހުގެ 15 ގައި ފްރާންސް ފަދަ ގައުމުތައް ހުޅުވައިލާނެ އެވެ. އެއާ އެކު އެ ގައުމާއި ޖަރުމަނާއި ސްޕެއިން ފަދަ ގައުމުތަކުން އަންނަ ޓޫރިސްޓުން ވެސް އިތުރުވެގެންދާނެ ކަމަށް ތޮއްޔިބު ލަފާކުރައްވަ އެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިސްރުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަނީ 40 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން އީސްޓާން ޔޫރަޕްގެ ގައުމެއް ކަމަށްވާ ކަޒަގިސްތާނުން އަންނަ ޓޫރިސްޓުންގެ ނިސްބަތް 24 ޕަސެންޓަށް އިތުރުވި އިރު ރަޝިއާއިން އަންނަ ޓޫރިސްޓުން ފަސް ޕަސެންޓް އިތުރެވެ. މިކަންކަން ފާހަގަކުރައްވައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމު ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުން އަހަރު ނިމޭ އިރު 500،000 އަށް އަރާނެ އެވެ. މިިދިޔަ އަހަރު ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން އަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައުމުން، އޭގެ ނުބައި އަސަރު ވަރަށް ބޮޑަށް ކުރި އެވެ.