07 ޑިސެމްބަރ 2020 - 11:48

ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި މީގެ ކުރިން ވަނީ 41 އަހަރުގެ މީހަކު މަރުވެފަ އެވެ.
އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވީ، 34 އަހަރުގެ ތިނަދޫ މީހެކެވެ. އަލިފާނުގެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހުނެވެ.
ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ހިނގި އެ ހާދިސާގައި ހަތަރު މީހަކު ޒަހަމްވި އިރު އޭގެ ތެރެއިން ހަށިގަނޑުގެ 50 ޕަސެންޓް ފިހުނު ދެ މީހުންނަށް އައީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ނެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ އެންމެ ބޮޑަށް ފިހުނު ދެ މީހުން ވެސް މާލެ ގެންދިޔައިރު، އެ މީހުންނަށް ވާހަކަ ދެއްކޭ ކަމަށެވެ.
"އެކަމަކު މި ފަދަ ބާން ކޭސްތަކުގައި ބޮޑަށް ހާލު ސީރިއަސް ވާނީ، އެ ފިހުނު ތަން އިންފެކްޓްވެ ކަހަލަ ކަމެއް ވުމުން. ލަފާކުރެވޭ ގޮތުން އިންފެކްޓް ވެގެން އެ މީހުންގެ ހާލު ފަހުން އެ ގޯސްވީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު މަރުވި މީހާގެ ހާލު ގޯސްވެގެން، މީގެ ދުވަސް ކުރިންސުރެ އޮތީ ވެންޓިލޭޓަރުގަ އެވެ.