ސްޓްރޯކެއް ޖެހުނު ރާހުލް ރޯއި "ސްޓްރޯކް" ކިޔާ ފިލްމެއް ކުޅެނީ
ސްޓްރޯކެއް ޖެހުނު ރާހުލް ރޯއި "ސްޓްރޯކް" ކިޔާ ފިލްމެއް ކުޅެނީ

ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް މިދިޔަ މަހުގެ ފަހުކޮޅު ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރާހުލް ރޯއި "ސްޓްރޯކް" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފިލްމަކީ އޭނާ ކަރްގިލްގެ ގަދަ ފިނީގައި ޝޫޓްކުރަނިކޮށް ސްޓްރޯކް ޖެހުނު ފިލްމު "އެލްއޭސީ: ލިވް ދަ ބެޓްލް" ގެ ޑައިރެކްޓަރު ނިތިން ކުމާރު ގުޕްތާ ހަދާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ސްޓްރޯކް" ގައި ކިޔައިދޭނީ އަނިޔާވެރި ގޮތަކަށް މީހަކު މަރާލާ މަންޒަރު ފެންނަ މީހަކަށް ސްޓްރޯކެއް ޖެހިގެން އެ މަރާ ގުޅޭ ހެކި ދޭން ނުކުޅެދުމުން ކުރިމަތިވާ ހާދިސާތަކެކެވެ. ސްޓްރޯކް ޖެހޭ މީހާގެ ރޯލު ކުޅޭނީ ރާހުލް އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޑައިރެކްޓަރު މިހާރު އަންނަނީ އޭގެ ސްކްރިޕްޓް ނިންމަމުންނެވެ. އަދި އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެ އެވެ.

ސްޓްރޯކެއް ޖެހިގެން މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ރާހުލް، 52، މިހާރު ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.

"އެލްއޭސީ: ލިވް ދަ ބެޓްލް" ގެ އެންމެ މަންޒަރެއް ޝޫޓް ނުކުރެވި އޮއްވައި އޭނާ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދަން ޖެހުނު އިރު ރާހުލް ވަނީ "ސަޔޯނީ" ކިޔާ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެހެންވެ ފަރުވާގެ ކަންކަން ހަމައަކަށް އެޅުމާ އެކު އޭނާ ފިލްމީ މަސައްކަތަކަށް ނުކުންނާނެ އެވެ.

ރާހުލް އަކީ 1990 ގެ "އާޝިގީ" ކުޅެގެން މަޝްހޫރުވި އެކްޓަރެކެވެ. އެކަމަކު އޭނާގެ ކެރިއަރު އެހާ ކާމިޔާބެއް ނޫނެވެ.