10 ޑިސެމްބަރ 2020 - 16:43

ޒަމާނީ މަސްވެރިކަން ދަސްކޮށްދިނުމަށް ޅ. ނައިފަރުގެ މަސް ދޯނިތައް އިއްޔެ ރަށުން ފުރީ، އެކަމަށް ޝައުގުވެރިވާ އަންހެނުންތަކެއް ގޮވައިގެންނެވެ. މިއަދު ފާހަގަކުރާ މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ނައިފަރު މަސްވެރިންގެ ޖަމިއްޔާ އިން ބޭއްވި އެ ހަރަކާތުގައި 80 އަންހެނަކު ބައިވެރިވެފައި ވެ އެވެ.

އެ ޖަމިއްޔާގެ ރައީސް ފަރުހާދު މުހައްމަދު މިއަދު ބުނީ ހަ ދޯންޏެއް ރަށުން ފުރުވައިލީ ވެސް ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. އޭގެ ތެރެއިން ބައެއް ދޯނިތައް މިހާރު އަނބުރާ ރަށަށް ގޮސްފައިވާއިރު، އެ އިވެންޓުގެ ކާމިޔާބީ ފާހަގަކުރަން މިރޭ ވަނީ ޝޯއެއް ބާއްވަން ނިންމައިފަ އެވެ.

އޭނާ ބުނިގޮތުގައި މަސްވެރިކަން ތަޖުރިބާކޮށްލަން ހުޅުވައިލުމުން އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އޭގައި އުމުރުން 25-55 އަހަރާ ދެމެދުގެ އަންހެނުން ބައިވެރިވެފައި ވެ އެވެ.

"އިއްޔެ ހަވީރު އެންދަމައިގެން މަހަށް ނުކުތީ. އެކަމުގައި ވެސް އަންހެނުން އަމަލީ ގޮތުން ބައިވެރިވި،" ފަރުހާދު ބުންޏެވެ.
އަންހެނުންނާއެކު ކޮންމެ ދޯންޏެއްގައި 15 ވަރަކަށް ފިރިހެނުން ވެސް ތިއްބެވެ. ކޮންމެ ދޯންޏަކުން ގާތްގަނޑަކަށް ހައެއްކަ ޓަނުގެ މަސް ބާނާފައި ވެ އެވެ.
ނައިފަރު މަސްވެރިންގެ ޖަމިއްޔާ އިން ފުރަތަމަ ނިންމީ ފެލިވަރަށް މަސް ކިރުވުމަށް ފަހު އެންމެ ގިނައިން މަސް ބާނާ ދޯންޏަށް އެއްވަނަ ދޭށެވެ. އެކަމަކު މިއަދު މަސްކިރުވެން ނެތުމުން ނިންމާފައިވަނީ އެންމެ ބަރު މަހެއް ބޭނި ދޯންޏަކަށް އެއްވަނަ ދޭށެވެ.
"ރަށުގެ އެކި އިދާރާތަކުގެ އެއްބާރުލުމާއެކު ވަރަށް ކާމިޔާބު އިވެންޓެއް މި ބޭއްވީ،" ފަރުހާދު ބުންޏެވެ.