ނޮވެމްބަރު މަހު މީރާ އަށް 461 މިލިއަން ރުފިޔާ ލިިބިއްޖެ
ނޮވެމްބަރު މަހު މީރާ އަށް 461 މިލިއަން ރުފިޔާ ލިިބިއްޖެ

މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 461.49 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 59 ޕަސެންޓް ދަށް އަދަދެކެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާ
މިންވަރު އިންތިހާއަށް ދަށްވުމެވެ. މިއާ އެކު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ.

އެންމެ މަދުން ލިބުނު ޓެކްސްތަކުގެ ތެރޭގައި ޖީއެސްޓީ އަދި ގްރީން ޓެކްސް ހިމެނެ އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ ދަށްވެފައިބާ އިތުރު ސަބަބެކެވެ. މި ފީ މި އަހަރުގެ ނޮވެމްބަރު މަހު ނުލިބެ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ވަނީ ޖީއެސްޓީއަށެވެ. އެއީ އާމްދަނީގެ 66 ފަސެންޓެވެ. ފުރިޔާ އިން 308.68 މިލިއަނެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެހުގެ ގޮތުގައި 42.09 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ތެރޭގައި 11.26 މިލިއަން ޑޮލަރު ހިމެނެ އެވެ.

މިދިޔަ އޮކްޓޫބަރު މަހު އާމްދަނީގެ ގޮތުގައި ލިބުނީ 390.57 މިލިއަން ރުފިޔާ އެވެ. ޓެކުހުގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ކަމަށްވާ 17.3 ބިލިއަން ރުފިޔާގެ ތެރެއިން ކޮވިޑްގެ ހާލަތަށް ފަހު ލިބޭނީ ގާތްގަނޑަކަށް 8.95 ބިލިއަން ރުފިޔާ ކަމަށް މީރާ އިން މީގެ ކުރިން ވަނީ އަންދާޒާކޮށްފަ އެވެ.