13 ޑިސެމްބަރ 2020 - 17:54

ޑިސްއިންފެކް ކުރުމުގައި ބޭނުން ކުރާ ގިނަ ސާމާނު ރާއްޖޭގެ ބާޒާރަށް ނެރޭ، ރީއިންވެންޓް މޯލްޑިވްސް އިން ވެލްނެސް މޯލްޑިވްސްގެ ނަމުގައި ރީޓެއިލްކޮށް ތަކެތި ވިއްކުމަށް ހާއްސަ ފިހާރައެއް މިދިޔަ ހުކުރުދުވަހުގެ ރޭ ހުޅުވައިފި އެވެ.

އެކި ތަންތަން ސާފުކުރުމުގައި ބޭނުންކުރާ ސަޓިފައިޑް ގިނަ ސާމާނެއް އެ ފިހާރަ އިން ލިބެން ހުރެ އެވެ. ދަނޑުވެރިކަމަށް ބޭނުންވާ ގިނަ ސާމާނައި ވެލްނެސް އާ ގުޅޭ ގިނަ ސާމާނު ވެސް ލިބޭނެ އެވެ.
ރީއިންވެންޓުން މީގެ ކުރިން އަންނަނީ ކްލީންޓެކްގެ ނަމުގައި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކޮށްދޭ ސާވިސް ކުންފުންޏެއް ވެސް ހިންގަމުންނެވެ. އަލަށް ހުޅުވި މި ފިހާރައަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ޑިސްއިންފެކްޓް ކުރުމަށް ބޭނުންކުރާ ސާމާނު ވިއްކާ ފިހާރައަށް ވާނެ އެވެ.
މި ފިހާރަ ހުޅުވުމާ ގުޅިގެން އިޔާ އެންޑް ސޭލް އެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން އެއް ވަނަ އިނާމަކަށް އައިފޯން 12 މެކްސް ޕްރޯ އެއް، ދެވަނަ އިނާމަކަށް ހައިޑަވޭ ރިސޯޓުގައި ދެ ރޭ ހުރުމުގެ ފުރުސަތު، އަދި ތިން ވަނަ އިނާމަކަށް އަރާމު ހޮލިޑޭގައި ދެ ރޭ ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. ހަތަރު ވަނަ އިނާމަކަށް އެލްސީޑީ އެޗްޑީ ޓީވީއެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 15 އިން ދެ މަހުގެ ނިޔަލަށެވެ.
މި އިނާމުތަކުގެ އިތުރުން ކޮންމެ ހަފްތާ އަކު ވެސް ހާއްސަ އިނާމުތަކެއް ކަސްޓަމަރުންނަށް ދޫކުރުމަށް އެ ފިހާރައިން ވަނީ ނިންމައިފަ އެވެ.
ރީ-އިންވެންޓުން އަންނަނީ ކޮވިޑް-19އާ ގުޅިގެން ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ކްލީނިން އިންޑަސްޓްރީއަށް އީޖާދީ އާ އުފެއްދުންތައް ތައާރަފު ކުރަމުންނެވެ. އަލަށް ހުޅުވި ވެލްނެސް މޯލްޑިވްސް ފިހާރައިން ކްލީނިން އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހާގްލިތާ، އީކޯލެބް އާއި ޑައިވާސީ ބްރޭންޑްގެ ސާމާނު ލިބޭނެ އެވެ.
މިފިހާރައިން ޕީޕީއީ އިކުއިޕްމެންޓްތަކުގައިވާ ހޭސްމަޓް ސޫޓައި ފޭސް މާސްކާއި އަންގި އާއި ރެސްޕިރޭޓާސް ފަދަ ތަކެތި ވެސް ލިބޭނެ އެވެ.
ސާފު ކުރުމަށް ބޭނުން ކުރާ ގިނަ ސާމާނުތަކުގެ ތެރޭގައި ފޯމް ޓެކް މެޝިނާއި ކާޕެޓިން ކްލީނިން ޓެކްނޮލޮޖީ އާއި ސްޓީމް މޮބް އާއި މައިކްރޯ ފައިބާ ކްލޯތް ފަދަ ތަކެތި ލިބެން ހުންނާނެ އެވެ.