ވެެލެންސިއާ ޓީމު ބައްޓަންކުރަނީ ލީގު ކާމިޔާބުކުރެވޭތޯ: އާތީ
ވެެލެންސިއާ ޓީމު ބައްޓަންކުރަނީ ލީގު ކާމިޔާބުކުރެވޭތޯ: އާތީ

ވެލެންސިއާ އިން މި ފަހަރުގެ ސީޒަނަށް ޓީމު ބައްޓަންކުރަނީ ލީގު ކާމިޔާބުކުރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން އަލުން މި ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ވެލެންސިއާ މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 1-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. އާތީ ބުނީ އެނބުރި ފުރަތަމަ ޑިވިޝަނަށް އައި މި މެޗުން މޮޅުވުމުން މުޅި ވެލެންސިއާ އުފާފާޅުކުރާ ކަމަށާއި އެކަމަކު ސީދާ ލިގަށް ވާދަކުރަމޭ ބުނަން އަދި އަވަސް ކަމަށެވެ.

"އަޅުގަނޑުމެން މި ޓީމު ބައްޓަން ކުރަމުން މިދަނީ ލީގު ކާމިޔާބުކުރެވޭތޯ. އަޅުގަނޑުމެން މި ގެންނަ ޗޭންޖްތަކާ އެއްކޮށް އަޅުގަނޑުމެން އަދި މާ އަވަސް ކަންނޭނގެ މިދިޔަ އަހަރު ސެކަންޑް ޑިވިޝަނުގައި އޮވެފައި އައިސް ލީގު ކާމިޔާބުކުރަންށޭ މި އުޅެނީ ބުނަން. އެއްވެސް މެޗެއް ދުލެއް ނުކުރާނަން. ވީ އެންމެ ރަނގަޅަކަށް މަސައްކަތްކުރަމުންދާނީ،" ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުންޏެވެ.

އޮކްޓޫބަރު މަހު ވެލެންސިއާ އިން ޕްރީ ސީޒަން ޕްރެކްޓިސް ފެށިއިރު އޮތް ސްކޮޑާއި ލީގުގެ ފުރަތަމަ މެޗަށް އައިއިރު އޮތް ޓީމު ވަރަަށް ތަފާތެވެ. ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިންތަކެއް ވެލެންސިއާއާ ވަނީ ގުޅެފަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި އަލީ ފާސިރު (ސެންޓޭ) ފަދަ ކުޅުންތެރިން ވެލެންސިއާއާ ގުޅުނީ ޓްރާންސްފާ ބާޒާރުގެ ފަހު ދުވަސްތަކުގެ ތެރޭގަ އެވެ. އަދި ބިދޭސީ ކުޅުންތެރިންނަށް ވެސް ފަރިތަކުރުންތަކުގައި ބައިވެރިވެވުނީ ޕްރީ ސީޒަނުގެ ބޮޑުބައި ދިޔަ ފަހުންނެވެ.

އާތީ ބުނީ ކުރިން ވެސް ހީކުރެވުނު ގޮތަށް ޓީމުގެ ކުޅުމުގައި މައްސަލަތަކެއް ހުރިކަމަށާއި އެކަންކަން އެއްކޮށް ރަނގަޅުކުރަން ދުވަސްނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން ޓީމު ރެޑީވާން ދުވަސްކޮޅެއް ނަގާނެ. ފިޓްނަސް މައްސަލަ އެބައުޅޭ. ޕަވާގެ މައްސަލަ އެބައުޅޭ. އަޅުގަނޑުމެން ކުރިއަށް އޮތްތާގައި މިރޭ (ރޭ) ގެ މެޗަށް ބަލާފައި ކަންތައްތައް ރަނގަޅުކުރަމުންދާނީ. މެޗަަކަށް ފަހު މެޗެއް ވަރުގަދަ ވަމުން އަންނާނީ،" އާތީ ބުންޏެވެ.

ރޭގެ މެޗުގައި ވެލެންސިއާގެ ހަަމައެކަނި ގޯލު ޖެހީ 15 އަހަރަށް ފަހު އެ ޓީމުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ކުޅުނު ދަގަނޑޭ އެވެ. އެންމެ ރަނގަޅަށް ނުކުޅެވޭ ދުވަހު ވެސް ލިބޭ ފަޅި ފުރުސަތެއްގައި ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިން ވެލެންސިއާގައި ތިބުމަކީ އާތީ އަށް އޮތް ހިތްހަމަޖެހުމެކެވެ.

"އެއީ ވެލެންސިއާ އަށް ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެހެން އަޅުގަނޑަށް ހީވަނީ. ދަގަނޑޭ، ސެންޓޭ، ބޮކުރީ އަކީ ވެސް އެ ފެންވަރުގެ ޕްލޭޔަރުން. އަދިވެސް އެބަތިބި. ބިޗަޑް މެންނަކީ ވެސް އެ ލެވަލް ކުޅުންތެރިން. އެހެންވީމަ ވެލެންސިއާ އަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް އެއީ މި ވަރުގެ ޕްލޭޔަރުން ތިބުން. އެއީ ދަށްކޮށް ދާ ދުވަހު ވެސް ކޮންމެ ވަގުތެއްގައި ވެސް މީގެން ޕްލޭޔަރެއް މެޗު ޗޭންޖް ކޮށްފާނެ. މިރޭ (ރޭ) ވެސް އަޝްފާގު އެ ޗޭންޖް ކުރީ،" އާތީ ބުންޏެވެ.

ކުރިން ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ އަށް ކޯޗުކޮށްދިން އާތީ ބުނީ މިހާރު ރާއްޖޭގެ ފުޓްބޯޅަ އަކީ ހަޑި ފުޓްބޯޅައެއް ނޫން ކަމަށައި ކުޅުން ރީތި ކަމަށެވެ. މި ވަގުތަށް ބަލާއިރު މައްސަލަ އަކީ ކޮވިޑް-19ގެ ސަބަބުން މި އައި ދިގު ބްރޭކުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސް އާއި އެހެނިހެން ކަންކަމަށް ކޮށްފައި ހުރި އަސަރު ކަމަށާއި މެޗުތަކެއް ކުޅުމުން އަލުން ކުރީގެ ކުޅުން ފެންނަން ފަށާނެ ކަމަށް އޭނާ ބުންޏެވެ.

ވެލެންސިއާ ކުޅޭ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ.