18 ޑިސެމްބަރ 2020 - 23:32

ކޮވިޑް-19އާ ގުޅިގެން ގައުމަށް ދިމާވެފައިވާ އިގްތިސޯދީ ދަތިތަކާ އެކު ވެސް އެމްޓީސީސީން މި އަހަރު ނިންމާލާނީ ކުންފުނީގެ ހަޔާތުގައި ވެސް އެންމެ މަތިން ސާފު ފައިދާ ލިބުނު އަހަރުގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ވީޑިއޯ ހިތޯބެއްގައި ވިދާޅުވީ މި އަހަރު އެމްޓީސީސީ އަށް ބޮޑު ފައިދާއެއް ވެފައިވާ ކަމަށާއި އެއީ ކުންފުނީގެ ގާބިލްކަމުގެ ހެއްކެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޓީސީސީ އަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކެއް ވީ އެންމެ އަވަސް ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަމައެކަނި މި އަހަރުގެ ތެރޭގައި ވެސް ކުންފުނީގެ ގާބިލްކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.
"ކޮވިޑް-19 ގެ މި ހުރަސްތަކާ އެކު ވެސް މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމުގެ ކުރިން ކުންފުންޏަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައި ވުމަކީ ކުންފުނީގެ ހިންގުންތެރިކަމާއި މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ތަރައްގީގެ އާ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފަ އެވެ. އެގޮތުން މި ސަރުކާރުން ގެންގުޅޭ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ވަކި އިސްކަމެއްދީގެން ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.
އެގޮތުން ރާއްޖޭގައި މިހާރު އެންމެ މުހިންމު އަސާސީ ހިދުމަތްތަކުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އަންނަ އަހަރު ކުރަން ނިންމާފައިވާ އެންމެ ބޮޑު މަސައްކަތަކީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުން ކަމަށާއި އެކަމުގެ މަޝްވަރާތައް ވަރަށް އަވަހަށް ޕްލޭނިން މިނިސްޓްރީ އަދި އެމްޓީސީސީ އާ އެކު ފަށާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އަންނަ އަހަރަށް ކޮށްފައިވާ ޕްލޭނުގައި ހިމެނޭ ތަރައްގީގެ މަޝްރޫތަކުގެ ތެރެއިން ނަރުދަމާ އެޅުމާއި މަގު ހެދުމާއި ބަނދަރުގެ މަސައްކަތް ފަދަ ގިނަ މަޝްރޫތަކެއް ރާވާފައިވާ ކަމަށާއި އޭގެ ތެރެއިން އެމްޓީސީސީ އާ ހާވާލުކުރާ ކަންކަން މުއްދަތަށް ފުރިހަމައަށް ނިންމާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.