ރެކޯޑް ގޯލާ އެކު މިލާން ލީޑު ދަމަހައްޓައިފި
ރެކޯޑް ގޯލާ އެކު މިލާން ލީޑު ދަމަހައްޓައިފި

ރެޖީއޯ އެމިލިއާ (ޑިސެމްބަރު 21) – އިޓާލިއަން ލީގުގެ ތާރީހުގައި ފެނުނު އެންމެ އަވަސް ގޯލް ރަފައެލް ލީއޯ ޖެހި މެޗުން ސަސުއޮލޯ އަތުން 2-1 އިން މޮޅުވެ އޭސީ މިލާނުން ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ރޭގެ މެޗު ފަށައިގެން ހަކާން ޗަނައޮގްލޫ ދިން ބޯޅައަކުން ލީއޯ ގޯލް ޖެހީ ހަ ވަނަ ސިކުންތުގަ އެވެ. ކުރީގެ ރެކޯޑަކީ 2001 ގައި ފިއޮރެންޓީނާ ކޮޅަށް އަށް ސިކުންތުގެ ތެރޭ ލަނޑު ޖެހި ޕިއަސެންޒާގެ ޕައޮލޯ ޕޮގީ އަތުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕޯޗުގަލްގެ އުމުރުން 21 އަހަރުގެ ފޯވާޑް ލީއޯގެ ގޯލަކީ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތާރީހުގައި ވެސް ޖެހި އެންމެ އަވަސް ގޯލު ކަމަށެވެ.

މިލާނުގެ ދެ ވަނަ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގައި އެލެކްސިސް ސައެލެމައެކާސް އެވެ. ސަސުއޮލޯގެ ހަމައެކަނި ލަނޑު 89 ވަނަ މިނެޓުގައި ޖެހީ ޑޮމިނިކޯ ބެރާޑީ އެވެ.

މިލާން އެއް ވަނައިގައި އޮތީ 31 ޕޮއިންޓާ އެކު އެވެ. އެ ޓީމާ ވާދަކުރާ އިންޓަ މިލާން ވަނީ ރޭ ސްޕީޒިއާ އަތުން 2-1 އިން މޮޅުވެ ދެ ވަނައިގައި 30 ޕޮއިންޓް ހަމަކޮށްފަ އެވެ. އެ ދެ ޓީމާ އެންމެ ގާތުގައި އޮތީ 27 ޕޮއިންޓާ އެކު ޔުވެންޓަސް އެވެ.

އަމިއްލަ ދަނޑުގައި އިންޓަ ކުޅުނު މެޗުގައި ސްޕީޒިއާ ކޮޅަށް ގޯލް ޖެހީ އަޝްރަފް ހަކީމީ އާއި ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ އެވެ. ސްޕީޒިއާގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ޖެހީ ރޮބާޓޯ ޕިކޮލީ އެވެ.