ކޮވިޑް-19ގެ ޕޮޒިޓިވް ރޭޓު މިހާރު ހުރީ 1 ޕަސެންޓުގައި: އެޗްއީއޯސީ
ކޮވިޑް-19ގެ ޕޮޒިޓިވް ރޭޓު މިހާރު ހުރީ 1 ޕަސެންޓުގައި: އެޗްއީއޯސީ

ކޮވިޑް-19 އަށް ރާއްޖެ އިން މިހާރު ޕޮޒިޓިވް ވަނީ ޓެސްޓު ކުރާ ސާމްޕަލްތަކުން އެއް ޕަސެންޓު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑަށް ދުވާލަކު 3،000 އަށް ވުރެ ގިނަ ސާމްޕަލް މިހާރު އާންމުކޮށް ޓެސްޓު ކުރާ ކަމަށެވެ. މީގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވަނީ 1-2 ޕަސެންޓުގެ ރޭޓަކުކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޑިސެމްބަރު މަހަށް ބަލާ ނަމަ މިހާތަނަށް 43،089 ސާމްޕަލް ކޮވިޑަށް ޓެސްޓުކޮށްފައި ވެ އެވެ. މީގެ ތެރެއިން 444 މީހަކު އެ ބައްޔަށް ޕޮޒިޓިވްވުމުން، މި މަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ރޭޓު ހުރީ 1.03 ޕަސެންޓުގަ އެވެ.

"[ޓެސްޓު] ކުރެވެމުންދާ އިރު ގާތްގަނޑަކަށް ފަސް ދުވަސް ނުވަތަ ހަ ދުވަސް މިދިޔައީ އެއް ޕަސެންޓުގައި ޕޮޒިޓިވިޓީ ހިފަހެއްޓިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުގައި ވާ ގޮތުން ފަސް ޕަސެންޓަށް ވުރެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ފެންނަ ނަމަ އޭގެ މާނަ އަކީ އެ ބަލި ފެތުރޭ މިންވަރު އިތުރުވެ، ޓެސްޓުކުރެވޭ މިންވަރު ދަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ރަނގަޅު ވަރަކަށް ޓެސްޓުކުރެވެމުން އެބަދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑަށް މިހާރު ޓެސްޓުކުރާ ސާމްޕަލްތަކުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގެ އިތުރުން ރަށްރަށަށުގައި ކަރަންޓީން ނިންމާފައި ނަގާ ސާމްޕަލްތަކާއި ޓޫރިސްޓުންނާއި ރާއްޖެ އިން ބޭރަށްދާ ދަތުރުވެރިން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ކަންކަމުގެ އިތުރުން ކޮންމެ ދުވަހަކު އެކްޓިވް ސަވައިލަންސްގެ ތެރޭގައި ވެސް މަދުވެގެން 300-500 ސާމްޕަލް ޓެސްޓުކުރަން މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.

"އެހާ ވަރަށް ނަގައިގެން، އަޅުގަނޑުމެން އަސްލު ކޮންޓެކްޓްސް އަށް ވުރެ ގިނައިން އިންޑެޕެންޑެންޓް ކޭސްތައް ހުރިތޯ، ނެތްތޯ، ކިހާވަރަކަށްތޯ ބަލި ކޮމިއުނިޓީ ތެރޭ ހުރި މިންވަރު މި ދެނެގަނެވެނީ، އެކްޓިވް ސަވައިލަންސް ތެރެއިން،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެކްޓިވް ސަވައިލަންސްގެ ތެރޭގައި ރިސޯޓުތަކާއި ހަދަމުން އަންނަ ރިސޯޓުތަކުން ވެސް ސާމްޕަލް ނަގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް 289،322 ސާމްޕަލެއް ކޮވިޑަށް ޓެސްޓުކޮށްފައި ވެ އެވެ. މި ބައްޔަށް ޕޮޒިޓިވްވެފައި މިހާތަނަށް ވަނީ 13،489 މީހެކެވެ. އޭގެ ތެރެއިން 48 މީހަކު މަރުވެފައި ވާއިރު 12،895 މީހުން އެ ބަލިން ރަނގަޅުވެފަ އެވެ.