31 ޑިސެމްބަރ 2020 - 00:53

ޝީ ބިލްޑިންގުގައި މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ކައިވެނި ޕާޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި އަދަދު 200 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ވަގުތު އޮތް އެންމެ ބޮޑު ކްލަސްޓާގައި 68 މީހުން ހިމެނޭ ކަމަށެވެ. އެ މީހުންނާ ކޮންޓެކްޓްވި 229 މީހުން ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކައިވެނި ޕާޓީގައި 120 މީހަކު ބައިވެރިވި ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކޮވިދަށް ޕޮޒިޓިވްވެފައި ވެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓުންގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑު 71 މީހުން ހިމެނޭ ކަމަށެވެ. ބަލީގެ އަލާމާތްތައް ފެންނަނީ 68 މީހުންގެ ފަރާތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކްލަސްޓާއިން 262 ސާމްޕަލް ނަގާފައި ވެ އެވެ.
ކޮވިޑް ބަލީގެ އަލާމާތްތައް ހުރި މީހަކު ޕާޓީގައި ބައިވެރިވިކަން އެނގިގެން އެންމެ ފުރަތަމަ ޓެސްޓުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެކަކު ޕޮޒިޓިވްވިއިރު، ޖެހިގެން އައި ދުވަހު 12 ކޭސް، މިދިޔަ ހޮނިހިރު ދުވަހު 22 ކޭސް، މިދިޔަ އާދިއްތަ ދުވަހު އަށް މީހުން، މިދިޔަ ހޯމަ ދުވަހު ތިން މީހުން، މިދިޔަ އަންގާރަ ދުވަހު 13 އަދި މިއަދު އަށް ކޭސް ފެނިފައި ވެ އެވެ.
އެޗްޕީއޭ އިން ވަނީ ކައިވެނި ހަފުލާ އަށް ދިޔަ އެންމެން އެ އެޖެންސީއަށް އަންގަން އެދިފަ އެވެ.
ރާއްޖެއިން މިހާތަނަށް 13،738 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން 13،125 މީހުން ބަލިން ރަނގަޅުވެފައިވާތީ މި ވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 558 ގަ އެވެ. ކޮވިޑުގައި 48 މީހުން މަރުވެފައި ވެ އެވެ.