ކްރިސްމަސް އާއި އާ އަހަރަށް ފަހު ޓޫރިސްޓުން އައުން ދަށަށް
ކްރިސްމަސް އާއި އާ އަހަރަށް ފަހު ޓޫރިސްޓުން އައުން ދަށަށް

ކްރިސްމަސް އާއި އާ އަހަރަށް ފަހު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން އާ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ 1،916 ޓޫރިސްޓުންނެވެ. މިއީ، މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ޑިސެމްބަރު މަހު ރާއްޖެއަށް ދުވާލަކު 2،000-6،000 ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެހެން މަސްތަކާ އަޅާ ބަލާއިރު އިތުރުވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެކަނި ވެސް 6،037 ޓޫރިސްޓުން ރާއްޖެ އަ އެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555،213 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަންދާޒާއަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރުމެވެ.