03 ޖެނުއަރީ 2021 - 12:25

ރިޔާޒް (ޖެނުއަރީ 3) - އިނގިރޭސި ވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓަށް ފަހު ސައުދީ އަރަބިއާގެ ބޯޑަރުތައް ދެ ހަފުތާއެއްހާ ދުވަހަށް ބަންދު ކުރުމަށް ފަހު ބައިނަލްއަގުވާމީ ދަތުރުތައް އިއްޔެ އިން ފެށިގެން އަލުން ފަށައިފި އެވެ.
ސައުދީގެ ވައިގެ ދަތުރުތަކުގެ އިތުރުން އެއްގަމާއި ކަނޑުގެ މަގުން ވެސް ދަތުރުތައް ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ. ސައުދީން ބޯޑަރުތައް ހުޅުވާލި ނަމަވެސް އަދިވެސް ވަނީ އެ ގައުމަށް އެތެރެވުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި ސައުތު އެފްރިކާ އަދި އާ ވޭރިއަންޓް ފެނިފައިވާ އެހެން ގައުމަކުން ދަތުރުކުރާ ސައުދީ ނޫން މީހަކު ނަމަ، އެ މީހަކު ސައުދީ އަށް އެތެރެވޭނީ އެހެން ގައުމެއްގައި 14 ދުވަހު ކަރަންޓީނުގައި ހުރުމަށް ފަހު އެވެ. އާ ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގެ ތެރޭން ގައުމެއްގެ މީހަކު ކުއްލި ކަމެއްގައި ސައުދީ އަށް ދާން ޖެހިއްޖެ ނަމަ ގޭގައި 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ. ކަރަންޓީނުގެ މުއްދަތުގައި ޕީސީއާރް ދެ ޓެސްޓެއް ހަދަން ޖެހެ އެވެ. ފުރަތަމަ ޓެސްޓް ހަދަން ޖެހޭނީ ސައުދީ އަށް އެތެރެވާތާ 48 ގަޑިއިރު ތެރޭގަ އެވެ. ދެ ވަނަ ޓެސްޓް ކަރަންޓީން މުއްދަތު ހަމަވުމުގެ ކުރިން، 13 ވަނަ ދުވަހު އެވެ.
އާ ވޭރިއަންޓް ފެނިފައި ނުވާ ގައުމަކުން ސައުދީ އަށް ދަތުރުކުރާ މީހެއް ނަމަ ގޭގައި ހަތް ދުވަހަށް އައިސޮލޭޓްވާން ޖެހެ އެވެ. ނުވަތަ ތިން ދުވަހަށް ގޭގައި އައިސޮލޭޓް ވުމަށް ފަހު ޕީސީއާރް ޓެސްޓް ހަދަން ޖެހެ އެވެ.
ސައުދީން މިހާތަނަށް ވަނީ 362,979 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 6,239 މީހުން މަރުވެފަ އެވެ.