އަދުނާނު ވަކިކުރި މައްސަލަ އަންނަ ހަފުތާގައި ސުޕްރީމް ކޯޓުން ނިންމަނީ
އަދުނާނު ވަކިކުރި މައްސަލަ އަންނަ ހަފުތާގައި ސުޕްރީމް ކޯޓުން ނިންމަނީ

މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އަދުނާނު އަނީސް ފުލުހުންގެ ވަޒީފާ އިން ވަކިކުރި މައްސަލަ އަންނަ ހަފުތާގައި ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް އޮގަސްޓް، 2012 ގައި ފުލުހުންގެ ވަޒީފާ އިން އަދުނާން ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކުން ނެރުނު ރިޕޯޓެއް ނެރުމުގައި އޭނާ ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އަދުނާނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން 2014 ގައި ހުކުމް ކުރިޔަސް، 2018 ވަނަ އަހަރު ހައި ކޯޓުން ނިންމީ އޭނާ މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށެވެ.

އެ މައްސަލަ އަދުނާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އަޑުއެހުންތައް އެ ކޯޓުން ނިންމައިލީ މިދިޔަ އަަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ މައްސަލަ ނިންމަން ހަމަޖައްސާފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހު އެވެ.

އަދުނާން ވަޒީފާ އިން ވަކިކުރި ކުރުން ދަށު ކޯޓާއި ހައި ކޯޓުގައި ދައުލަތުން ދިފާއު ކުރަމުން އަޔަސް، ސުޕްރީމް ކޯޓުގައި ދައުލަތުން ބުނެފައި ވަނީ އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ފުލުހުންނާއި ސިފައިންގެ ވަޒީފާ އިން ވަކިކުރި އިސް ބައެއް ބޭފުޅުންނަށް މި ސަރުކާރު އައުމަށް ފަހު ކޯޓު މެދުވެރިިކޮށް އަލުން ވަނީ ވަޒީފާ ދީފަ އެވެ. މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޑިފެންސް ޗީފް އަބްދުﷲ ޝަމާލް ވެސް ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް އެ ދެ ބޭފުޅުންނަށް އެ މަގާމަށް އައްޔަން ކުރެއްވީ އެ ދެ ބޭފުޅުންނަށް ވަޒީފާދޭން ކޯޓުން ހުކުމް ކުރުމުންނެވެ.