އަޖޭގެ "ސިންގަމް 3" ގެ ވިލަން އަކީ ޖެކީ
އަޖޭގެ "ސިންގަމް 3" ގެ ވިލަން އަކީ ޖެކީ

އަޖޭ ދޭވްގަންއާ އެކު، ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ ކޮޕް ޕްރެންޗައިޒް "ސިންގަމް" ގެ ތިން ވަނަ ބައިގެ ވިލަން އަކީ ޖެލީ ޝްރޮފް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަޖޭގެ "ސިންގަމް 3" ގެ ވިލަން އަކީ ޖެކީ
އަޖޭގެ "ސިންގަމް 3" ގެ ވިލަން އަކީ ޖެކީ

އެކްޓަރު ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ އަކީ ރޯހިތު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" ގެ ކާސްޓްގައި ވެސް ހިމެނޭ އެކްޓަރެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރޯހިތުގެ ކޮޕް ޔުނިވާސް އަށް އަކްޝޭ ތައާރަފުކުރާ ފިލްމުގެ ކްލައިމެކްސްގައި އަޖޭ އާއި "ސިމްބާ" ގެ ބަތަލު ރަންވީރު ސިންގް ހާއްސަ ފެނިލުންތަކުން ބައިވެރިވާއިރު، ޖެކީގެ ކެރެކްޓާ އާއި އަޖޭގެ ކެރެކްޓާ ބޮޑު ކުރިމަތިލުމަކަށް ދާ ތަން ދައްކާނެ އެވެ.

އަދި އެ ކުރިމަތިލުން ދެން އަންނާނީ "ސިންގަމް 3" އަށް ކަމަށް ހަންގާމާ އިން ބުންޏެވެ.

ރޯހިތު މި ވަގުތު އަންނަނީ ރަންވީރާ އެކު "ސާކަސް" ކިޔާ ކޮމެޑީއެއްގެ މަސައްކަތްކުރަމުންނެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ކާސްޓްގައި ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭގެ އިތުރުން ވަރުން ޝަރުމާ ވެސް ހިމެނެ އެވެ.

"ސާކަސް" އަށް ފަހު ރޯހިތު ހަދާނެ ފިލްމަކީ "ސިންގަމް 3" ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ސަބަބަކީ އަޖޭއާ އެކު އޭނާ ގެނެސްދޭ ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފަސް ވަނަ ބައި ވެސް ކުރިއަށް އޮތުމެވެ.

ރިޕޯޓްތައް ބުނާގޮތުން "ސިންގަމް 3" އާއި "ގޯލްމާލް 5" ގެ ސްކްރިޕްޓްގެ ފުރަތަމަ ޑްރާފްޓް ވެސް މިހާރު އޮތީ ނިމިފަ އެވެ.

އަޖޭގެ އަތުގައި މި ވަގުތު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އޭނާ ޑައިރެކްޓްކުރާ "މޭޑޭ" ގެ އިތުރުން އަމިތު ޝަރުމާގެ "މައިދާން" އާއި އިންދަރު ކުމާރުގެ "ތޭންކް ގޯޑް" އާއި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ހިމެނެ އެވެ.

އަޖޭ ފުލުހެއްގެ ރޯލު ކުޅޭ "ސިންގަމް" ގެނެސްދިނީ 2011 ގަ އެވެ. އަދި "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ.

ޖެކީ، 63، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އާއި ޖޯން އަބްރަހަމްގެ "މުމްބާއީ ސާގާ" ހިމެނެ އެވެ.