09 ޖެނުއަރީ 2021 - 13:51

މާލެ ސަރަހައްދުގެ ދަރިވަރުން، ކޮވިޑް-19ގެ ބަންދުގެ ތެރޭ ސްކޫލާ ދުރުގައި އުޅޭތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް، މާދަމާއަކީ ހުރިހާ ގްރޭޑެއްގެ ކުދިން ވެސް ސްކޫލް ދޮރުން އެތެރެއަށް ވަންނާނެ ފުރަތަމަ ދުވަހެވެ.
އެކަމަކު ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު މާލޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ވެސް ކްލާސްތަކަށް ގެންދާނީ އެކި ދުވަސް ދުވަހު ބައި ބަޔަށް ބަހާލައިގެންނެވެ. އެހެންކަމުން މިއީ ހުރިހާ ދަރިވަރުންގެ ވެސް މުޅިން އާ ބައްދަލުވުމެއް ކަމަށް ބެލެވެ އެވެ.
ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް ފޮނުވި މެސެޖްތަކަށް ބަލާއިރު ކްލާސްތައް ދެ ގްރޫޕަކަށް ވަނީ ބަހާލައިފަ އެވެ. އެގޮތުން ހަފުތާގެ އެކި ދުވަސް ދުވަހު ސްކޫލަށް ގެންދާނީ ވަކި ގްރޫޕެކެވެ. މި ހަފުތާގައި އެއް ގްރޫޕަކަށް ހަފުތާއަކު ތިން ދުވަހު ސްކޫލަށް ދާން ޖެހޭ އިރު އަނެއް ގްރޫޕް ދާނީ ދެ ދުވަހު އެވެ. އަނެއް ހަފުތާގައި، އޭގެ އަނެއްކޮޅެވެ.
ބައެއް ސްކޫލްތަކުން ފުރަތަމަ ހަފުތާގައި ކިޔެވުން ބާއްވަނީ ގާތްގަނޑަކަށް ދޮޅު ގަޑިއިރަށެވެ.
މާލޭ ސަރަހައްދުގެ ސްކޫލްތައް މިދިއަ އަހަރުގެ މާޗު މަހު ބަންދުކުރި ގޮތަށް، ދެ ބުރެއްގެ މަތިން ބައެއް ގްރޭޑްތަކަށް ސްކޫލްތައް ހުޅުވާލިޔަސް މިދިއަ އަހަރު ނިމުނީ ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުން ސްކޫލަށް ދާނެ ފުރުސަތު ނުލިބި އެވެ. މިއީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ދަރިވަރުންގެ ތައުލީމީ ހަޔާތަށް އެރި ވަރަށް ބޮޑު ލޮޅުމެކެވެ.
އެކަމަކު އޮންލައިންކޮށާއި ޓީވީ މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދިޔަ އެވެ. ގޭގައި ތިބި ނަމަވެސް، އެގޮތަށް ކިޔަވައިދީ، ދަރިވަރުންގެ މަސައްކަތްތައް ފުރިހަމަކުރުމުގައި ޓީޗަރުންނާއި ބެލެނިވެރިން ވަރަށް ބުރަ ދުވަސްތަކެއް ހޭދަކުރި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި ވަނީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ސްކޫލްގެ ޔުނީފޯމް ނުވަތަ އެކްޓިވީ ޔުނީފޯމްގެ ތެރެއިން ކޮންމެވެސް އެއް ޔުނިފޯމެއް އިހުތިޔާރުކުރެވޭ ގޮތަށެވެ. އަދި ދަރިވަރު އަޅައިގެން ދާ މާސްކްގެ އިތުރުން އެހެން މާސްކެއް ވެސް ފޮނުވަން، ބެލެނިވެރިންގެ ކިބައިން ސްކޫލްތަކުން އެދެ އެވެ.
- ކޮންމެ ދަރިވަރަކު ވެސް ސެނެޓައިޒާ ފުޅިއެއް އަތުގައި ބޭއްވުން
- އެއް ކުއްޖަކު އަނެއް ކުއްޖަކަށް، ސްޓޭޝަނަރީ އެއްވެސް އެއްޗެއް ޝެއާ ނުކުރުން
- މާސްކް އެޅުން އަދި އިތުރު މާސްކެއް ދަބަހުގައި ބޭއްވުން
- ސްކޫލް ޔުނީފޯމް ނުވަތަ އެކްޓިވިޓީ ޔުނީފޯމްގެ ތެރެއިން ކޮންމެވެސް އެއް ޔުފީމެއްގައި ދެވިދާނެ
ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސެޝަން ތެރޭގައި ދަރިވަރުންނަށް އެއްވެސް އެއްޗެއް ބެލެނިވެރިންނަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ދަރިވަރު ސްކޫލަށް ފޮނުވުމުގެ ކުރިން އެ ދުވަހަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަތޯ، ބެލެނިވެރިން ކަށަވަރުކުރަން ޖެހޭނެ އެވެ.
ރާއްޖޭގެ ތައުލީމީ އަހަރު ގުނާ ގޮތަށް ސަރުކާރުން ގެނެސްފައިވާ ބަދަލާ އެކު މާދަމާ އެ ފަށަނީ ދެ ވަނަ ޓާމެވެ. ކުރިން ނަމަ ޖެނުއަރީގައި ފަށާފައި ނޮވެމްބަރުގައި ނިންމާ ގޮތަށް ތައުލީމީ އަހަރު ކުރިޔަށް ގެންދިޔަސް، މިދިއަ އަހަރުގެ ނޮވެމްބަރުގައި ނިންމީ އެ އަހަރުގެ ފުރަތަމަ ޓާމެވެ. މާދަމާ އެ ފަށަނީ ދެ ވަނަ ޓާމެވެ. އެހެންކަމުން ޑިސެމްބަރު/ޖެނުއަރީގެ މަޝްހޫރު "ބޮޑު ބަންދު" ދެން އަންނާނީ އަހަރުގެ މެދުތެރޭގަ އެވެ.