ވެއްޓުނު ބޯޓުގެ ކަޅުފޮށި އޮތްތަން ހޯދައިފި
ވެއްޓުނު ބޯޓުގެ ކަޅުފޮށި އޮތްތަން ހޯދައިފި

ޖަކާޓާ (ޖެނުއަރީ 10) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އިން ފުރިތާ ކުޑައިރުކޮޅެެއްގެ ތެރޭގައި ކަނޑަށް ވެއްޓުނު ފަސިންޖަ މަތިންދާ ބޯޓުގެ ކަޅުފޮށި އޮތްތަން ހޯދިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ވެއްޓުނު ބޯޓުގެ ކަޅުފޮށި އޮތްތަން ހޯދައިފި
ވެއްޓުނު ބޯޓުގެ ކަޅުފޮށި އޮތްތަން ހޯދައިފި

ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުގައި ކަނޑުގެ ސިފައިންގެ އުޅަނދުތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކަނޑުގެ ސިފައިންގެ ޑައިވަރުން ބޯޓު އޮތް ތަން ކަމަށް ބެލެވޭ ސަރަހައްދަށް ވަރަށް އަވަހަށް ފީނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މަތިންދާ ބޯޓުގެ ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވަނީ ކަނޑުމަތިން ފެނިފަ އެވެ.

ބަޖެޓް އެއާލައިނެއް ކަމަށްވާ ސްރިވިޖާޔާ އެއާގެ ބޯޓު ރާޑަރުން ގެއްލިފައި ވަނީ ފުރިތާ ހަތަރު މިނިޓް ފަހުންނެވެ. ވެސްޓް ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓިއަނަކަށް ދަތުރުކުރަމުން ދިޔަ ބޯޓުގައި 62 މީހުން ތިއްބެވެ. އޭގެ ތެރޭގައި 50 ފަސިންޖަރުންނާއި 12 ފަޅުވެރިން ހިމެނެ އެވެ. ފަސިންޖަރުންގެ ތެރޭގައި ހަތް ކުޑަ ކުދިންނާއި ތިން ކުއްތުކުދިން ވެސް ހިމެނެ އެވެ.

"ކަޅުފޮށި އޮތް ތަން ވަނީ ހޯދިފައި. ޑައިވަރުން ވަރަށް އަވަހަށް އެތަނަށް ފީނާނެ. ކަޅުފޮށި ނަގަން ދެން މާގިނަ ވަގުތު ހޭދަވާނެހެން ހިއެއް ނުވޭ،" އިންޑޮނީޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ ވެރިޔާ ސޮއެޖަންތޯ ޓަހްޖޮނޯ ވިދާޅުވި އެވެ.

މަތިންދާ ބޯޓެއްގެ ފުރޮޅަކާއި އެނޫންވެސް ބައެއް ތަކެތި ފެނިފައިވާތީ އެ ތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. ޖަކާޓާ ފުލުހުންގެ ތަރުޖަމާން ޔުސްރީ ޔޫނުސް ވިދާޅުވީ ރެސްކިއު ޓީމުގެ ފަރާތުން ދެ ދަބަހެއްގެ ތަކެތި ލިބިފައިވާ ކަމަށާއި އެއް ދަބަހުގައި ހުރީ ފަސިންޖަރުންގެ ތަކެތި ކަމަށް ބެލެވޭ ސާމާނު ކަމަށެވެ. އަނެއް ދަބަހުގައި ހުރީ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ވެއްޓިފައިވާ ކަމަށް ބެލެވޭ ބޯޓު ޖަކާޓާ އިން ފުރީ ހޮނިހިރު ދުވަހު މެންދުރު ފަހު އިންޑޮނީޝިއާ ގަޑިން 14:36 ގަ އެވެ. ބޯޓާ އެންމެ ފަހުން ގުޅިފައިވާ ކަމަށް ރެކޯޑްކޮށްފައި ވަނީ 14:40 ގަ އެވެ. ޖަކާޓާ އިން ޕޮންޓިއަނަކަށް ދަތުރުކުރަން އާއްމުކޮށް ނަގަނީ 90 މިނިޓެވެ. ފްލައިޓް ޓްރެކިން ވެބްސައިޓަކުން ބުނެފައިވާ ގޮތުގައި ބޯޓު ވަނީ މިނިޓެއްހާއިރު ތެރޭ 3،000 މީޓަރު (10،000 ފޫޓް) އަށް ތިރިވެފަ އެވެ.

ވެއްޓިފައިވާ ކަމަށް ބެލެވޭ ބޯއިން 737-500 ބޯޓުގެ ރަޖިސްޓްރޭޝަންގައިވާ ގޮތުގައި އެއީ 26 އަހަރުވެފައިވާ ބޯޓެވެ. އެއާލައިނުގެ ޗީފް އެގްޒެކެޓިވް ޖެފަސަން އިރްވިން ޖައުވެނާ ވިދާޅުވި ގޮތުގައި ބޯ ވިއްސާރައިގެ ސަބަބުން ބޯޓު ފުރުން 30 މިނިޓަށް ލަސްކުރަން ޖެހުނެވެ. ނަމަވެސް އެއީ ބޯއިން 737 މެކްސް މަރުކާގެ ބޯޓެއް ނޫނެވެ. މިދިޔަ އަހަރު ވަނީ އެ މަރުކާގެ ބޯޓުތަކުގެ ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ.

ބޯޓު ގެއްލިފައި ވަނީ ޖަކާޓާގެ އުތުރުން 20 ކިލޯ މީޓަރު (12 މޭލު) ދުރުންނެވެ. އެއީ އޮކްޓޯބަރު 2018 ގައި ވެސް ބޯޓެއް ވެއްޓުނު ސަރަހައްދާ މާ ދުރު ހިސާބެއް ނޫނެވެ. އެ ފަހަރު ވަނީ ލަޔަން އެއާގެ ބޯޓެއް ފުރިތާ 12 މިނިޓް ފަހުން ޖާވާ ކަނޑަށް ވެއްޓި 189 މީހުން މަރުވެފަ އެވެ.