މެމްބަރު ޖީހާންގެ ފިރިކަލުންގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ
މެމްބަރު ޖީހާންގެ ފިރިކަލުންގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ

މިދިއަ އަހަރު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކާ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ ފަަރާތުން ޖިނާއީ ކޯޓުގައި ޖީހާންގެ ފިރިކަލުން އަބްދުﷲ ޝާން، ނޫރަންގެ ލ. ގަމުގެ، މައްޗަށް ތިން ކުށަކަށް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާކުރުމުގެ ދައުވާ ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ދެން ހިމެނެނީ ގައިގައި އަތްލުމުގެ ކުށާއި "އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމު"ގެ ކުށުގެ ދައުވާ އެވެ.

މި ތިން ދައުވާ ޝާންގެ މައްޗަށް މި އުފުލީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ފިރިކަލަކު ހިމެނޭ އަދި މަޖިލިހުގެ މެޖޯރިޓީ ޕާޓީއަށް ނިސްބަތްވާ މެމްބަރެއްގެ އާއިލާގެ ބޭފުޅަކާ ދެކޮޅަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނެ، ސަފާރީ ހާދިސާގެ ފަހުން ގިނަ ބަޔަކު ފާޑުކިޔާދައި ވަނިކޮށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރަމުން އައި ކެންޔާގެ އެ އަންހެންމީހާ ޖޫން 26، 2020 ގައި، ސަފާރީއަށް ގޮސް "ޕާޓީކޮށް"، ދެން ކުރިމަތިވި ކަންކަމާ ގުޅިގެން އޭނާ ވަނީ ސަފާރީން މޫދަށް ފުންމާލައިފަ އެވެ. އޭނާ ސަލާމަތްކުރީ، އޭނާއާ އެކު ސަފާރީގައި ތިބި މީހުންގެ ތެރެއިން ބައެކެވެ.

މި މައްސަލަގަނޑު ފެންމަތިވުމާ އެކު ފުރަތަމަ އަޑު ފެތުރުނީ ސަރުކާރުގެ ނުފޫޒު ގަދަ ބަޔަކު އަންހެނަކު ރޭޕްކުރި ކަމަށް ބުނެ އެވެ. އަދި ކެންޔާގެ އެ އަންހެންމީހާ ދިން އިންޓަވިއުއެއް ކަމަށް ބުނެ ރާއްޖޭގެ ވެބްސައިޓެއްގައި ޖެހި ވާހަކަތަކުން، ޖިންސީ ގޯނާގެ ބޮޑެތި ނުރައްކާތަކެއް އޭނާއަށް ކުރިމަތިވި ކަމަށް ބެލެވުނެވެ.

އެކަމަކު ފަހުން "މިހާރު"އަށް ދިން އިންޓަވިއުއެއްގައި އެ ވާހަކަތައް އޭނާ ދޮގުކުރި އެވެ. އަދި ރޭޕްކުރަން އުޅުނު ކަމަށް އެރި އަޑުތައް ވެސް ދޮގުކުރި އެވެ. ނަމަވެސް އޭނާގެ އުރަމަތީގައި ހިފި ކަމަށް އެއްބަސްވި އެވެ.

މޫދުން އަންހެންމީހާ ނަގައިގެން ސަފާރީގެ ޑިންގީގައި ހުޅުމާލޭ ޖެޓީއަށް ގެންގޮސްދިނީ، އޭނާއާ ބެހެން އުޅުނު މީހުންގެ ތެރެއިން ބައެކެވެ. ރޭގަނޑު ދަންވަރު އެގޮތަށް ފާލަން މަތީގައި ބަޔަކު ތިބުމުން، ހުޅުމާލޭ ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހަކަށް ފެނިގެން ގޮސް ސުވާލުކުރުމުން، އަންހެން މީހާ ދެއްކި ވާހަކަތަކާ ގުޅިގެން ދެ މީހުން ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް އެ މީހުން ވަނީ ކޯޓަށް ނުގެންގޮސް ދޫކޮށްލައިފަ އެވެ.

ރޭޕްގެ ތުހުމަތު އެޅުމުން ފުލުުހުން ވަނީ އަންހެން މީހާގެ ޓެސްޓްތަކެއް ވެސް ހަދައިފަ އެވެ.

ޝާންގެ އިތުރުން މި މައްސަލާގައި އެހެން ދެ މީހަކަށް ދައުވާކޮށްދިނުމަށް ވެސް ފުލުހުން ޕީޖީއަށް ފޮނުވި އެވެ. އެކަމަކު ޕީޖީން ބުނީ ދައުވާކުރެވޭ ވަރުގެ ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ.

ސަފާރީގެ މި މައްސަލަ ފެންމަތިވުމުން އާންމުންގެ ގިނަ ބަޔަކު ފާޑުކީ އެއް ކަމަކީ، އަންހެނަކު ބޮޑު ތުހުމަތެއް ކުރުމުން ވެސް ކޯޓަށް ނުގެންގޮސް ދޫކޮށްލުމުންނެވެ. އަދި ސަފާރީތަކުގައި ދިވެހިން ބަނގުރާ ބުއިމާއި މަސްތުވާތަކެތީގެ މުއާމަލާތްކުރުން އާންމުވަމުން ދާ އިރު، އޭގެ ތުހުމަތުގައި އެ މީހުން ހައްޔަރުނުކުރުމަކީ ވެސް، އޭރު ސަރުކާރަށް ފާޑުކީ މީހުން ނެގި މައްސަލައެކެވެ.