12 ޖެނުއަރީ 2021 - 09:51

ކުނި ނައްތައިލަން ގެންދިއުމުގެ ތެރޭގައި ތަކުރާރުކޮށް ފަޅަށް ކުނި އެޅި މައްސަލައިގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެއް މިލިއަން ރުފިޔާ އިން އިއްޔެ ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ 1.1 މިލިއަން ރުފިޔާ އިން ވެމްކޯ ޖޫރިމަނާކުރީ ވޭސްޓް މެނޭޖްމަންޓް ގަވައިދުގެ ދަށުން ކަމަށެވެ. އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެ އިދާރާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާލެ އާއި ހުޅުމާލެ އިން ތިލަފުއްޓަށް އަދި ރ. ވަންދު އަށް ކުނި ގެންދިއުމުގެ ތެރޭގައި ކަނޑަށް ކުނި އެޅޭ މައްސަލަ ވެމްކޯގެ ސަމާލުކަމަށް ގެނައި ކަމަށެވެ. ވެމްކޯ ޖޫރިމަނާކުރީ، ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދީގެން ވެސް މައްސަލަ އަށް ހައްލެއް ނުލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވެމްކޯ އިން މިހާރު ކުނި އުކައިދިނުމުގެ ޚިދުމަތް ދެނީ ސިޓީތަކުގައި އެކަންޏެވެ. އެއީ މާލެ ސަރަހައްދާއި އައްޑޫގެ އިތުރުން ފުވައްމުލަކުގަ އެވެ.
މާލެ ސަރަހައްދުން ނަގާ ކުނިތައް ނައްތައިލަން ގެންދަނީ ތިލަފުއްޓަށެވެ.
ކުނި ނައްތައިލުމަށް ހާއްސަކޮށްގެން ސަރުކާރުގެ ކުންފުނި، ވެމްކޯ އެންމެ ފުރަތަމަ އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގަ އެވެ. ނަމަވެސް ކުންފުނީގެ މަސައްކަތްތައް އަލުން ފެށީ ސެޕްޓެމްބަރު 2015 ގަ އެވެ. އޭގެ ފަހުން މާލޭގައި، ކޮތަޅުގައި ކުނި ގެންދިއުން މަނާކުރި އެވެ.