07 ނޮވެމްބަރ 2016 - 09:04

މެޑްރިޑް (ނޮވެމްބަރު 7) - ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީ ބާސެލޯނާ އަށް 500 ވަނަ ލަނޑު ޖަހައިދިންއިރު ސެވިއްޔާ އަތުން 2-1 އިން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ އިއްޔެ އަމިއްލަ ދަނޑުގައި ލެގަނޭސް އަތުން 3-0 އިން ހޯދި މޮޅާ އެކު 11 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 11 މެޗުން 25 ޕޮއިންޓާ އެކު އެވެ.
ލެގަނޭސް ކޮޅަށް ރެއާލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާުބުކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ވޭލްސްގެ ފޯވާޑް ގަރެތު ބޭލް އެވެ. އަނެއް ލަނޑު ޖެހީ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހަން ރެއާލަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ސެވިއްޔާއާ ދެކޮޅަށް ރޭ ބާސެލޯނާ ނުކުތްއިރު މި ސީޒަނުގައި ސެވިއްޔާ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ސެވިއްޔާ އިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސްޕެއިނުގެ އެޓޭކިން މިޑްފީލްޑަރު ވިޓޯލޯ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ ވަނީ ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މި ލަނޑާ އެކު މެސީ 500 ލަނޑު ބާސެލޯނާ އަށް ހަމަކުރިއިރު، މީގެ ތެރޭގައި ރަހުމަތްތެރި ކަމުގެ މެޗުތަކުގައި ޖެހި ލަނޑުތައް ވެސް ހިމެނެ އެވެ.
ދެ ވަނަ ހާފްގައި ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ ލުއިސް ސުއަރޭޒް އެވެ. މި ވަގުތު ސްޕެއިނުގައި ޝޫޓިން ކުރިއަށްދާ މަޝްހޫރު ޓީވީ ޝޯ "ގޭމް އޮފް ތުރޯންސް" ގެ ތަރިންނަށް ހާއްސަ ދައުވަތެއް ދީގެން ސެވިއްޔާ އިން ކުޅުނު މި މެޗުގެ ދެ ވަނަ ހާފް ކޮންޓްރޯލް ކޮށްގެން ބާސެލޯނާ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ ސެވިއްޔާ އަކީ އެ ޓީމު ދަނޑުގައި ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި އުނދަގޫ ހާލަތެއްގައި ވެސް ތިން ޕޮއިންޓް ހޯދުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"މިއީ ވަރަށް މުހިއްމު މޮޅެއް. އެއީ މި ސީޒަނުގައި ސެވިއްޔާ އަމިއްލަ ދަނޑުގައި ރެކޯޑް ރަނގަޅު. ސީޒަނުގެ ފަހު ކޮޅަށް ދާއިރު މިރޭ މި ހޯދުނު މޮޅުގެ ފައިދާ ކުރާނެ. އެއީ ކޮންމެ ކޮންމެ ޓީމަކަށް މި ދަނޑުގައި ނަތީޖާ ނެރެން ފަސޭހައެއް ނުވާނެ،" އެންރީކޭ ބުންޏެވެ.