13 ޖެނުއަރީ 2021 - 21:29

ޕެރިސް (ޖެނުއަރީ 13) - ޕެރިހުގެ ވަރަށް ޝަރަފުވެރި ސްކޫލެއްގައި ކިޔަވަމުން އައި ސެނެގާލްގެ އެންމެ މޮޅު ދަރިވަރުގެ ބަލާ ކުއްޖާ ފްރާންސް އިން "ގެއްލުނު" މައްސަލައިގެ ތަހުގީގު ފަށައިފި އެވެ.

ކްރިސްމަސްގެ ޗުއްޓީ އަށް ފަހު ޑައިރީ ސޯ ސްކޫލަކަށް ނުދެ އެވެ. އެކަމާ ފްރާންސް އާއި ސެނެގާލްގައި ވެސް ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
"އެންމެ މޮޅު ދަރިވަރުގެ" ގޮތުގައި ސެނެގާލްގައި ބަލާ ސޯ ވަނީ ގައުމީ ފެންވަރުގެ ވަރަށް ގިނަ ތައުލީމީ އެވޯޑްތައް ހޯދައިފަ އެވެ. އުމުރުން 20 އަހަރުގެ ސޯ ޖެނުއަރީ 4 އިން ފެށިގެން ފެނިފައެއް ނުވެ އެވެ.
ޕެރިސްގެ ހައި ސްކޫލް، ލިއްސީ ލުއި-ލެ ގްރޭންގައި ކިޔަވައި ދަރިވަރަށް ވަނީ ސްކޮލާޝިޕެއް ވެސް ލިބިފަ އެވެ.
"އެއީ ގަޑިއަށް ފަރުވާ ބަހައްޓާ ކިޔެވުމަށް ވަރަށް ސީރިއަސް ދަރިވަރެއް. އޭނާގެ އެޕާޓްމަންޓުން ވެސް ނުފެނުނު،" ސޯ ހޯދުމަށް ސޯޝަލް މީޑިއާގައި ކެމްޕޭން ފަށާފައިވާ ސެނެގާލްގެ ދަރިވަރަކު ބުންޏެވެ.
ސޯގެ މައިންބަފައިންނާއި ބެލެނިވެރިން އަދި ރަހުމަތްތެރިންނާއި އެމްބަސީއަކަށް ވެސް އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ލިބިފައެއް ނުވެ އެވެ. ސޯއާ ބެހޭ މައުލޫމާތެއް ލިބޭތޯ އޭނާގެ ރަހުމަތްތެރިން ވަނީ ކެމްޕޭނެއް ފަށައިފަ އެވެ.