ސްރީރާމްގެ ފިލްމަކަށް ކެޓްރީނާ އާއި ވިޖޭ
ސްރީރާމްގެ ފިލްމަކަށް ކެޓްރީނާ އާއި ވިޖޭ

ވަރުން ދަވަންއާ އެކު "އެއްކީސް" ކިޔާ ފިލްމެއް ހަދަން ތައްޔާރުވަމުން ދިޔަ ޑައިރެކްޓަރު ސްރީރާމް ރަގްވަން އެ ފިލްމުގެ މަސައްކަތް ފަސްކުރުމަށް ފަހު، އެހެން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ސްރީރާމްގެ ފިލްމަކަށް ކެޓްރީނާ އާއި ވިޖޭ
ސްރީރާމްގެ ފިލްމަކަށް ކެޓްރީނާ އާއި ވިޖޭ

މީޑިއާތަކުން ބުނީ ބައޮގްރަފިކަލް ޑްރާމާއެއްގެ ގޮތުގައި ހަދާ "އެއްކީސް" ގެ މަސައްކަތް ފަސްކުރީ އެ ފިލްމުގައި ވަރުން ކުޅެން ޖެހޭ ރޯލަށް ހަށިގަނޑު ބޮޑު ބަދަލެއް ގެންނަން ޖެހޭތީ އެކަމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި މަރުވި 21 އަހަރުގެ އަސްކަރީ އޮފިސަރު އަރޫން ކެތުރިޕާލްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ވަރުންއާ އެކު 2014 ގައި "ބަދުލާޕޫރް" ގެނެސްދިން ސްރީރާމް މިހާރު ރާވާފައި އޮތް ގޮތުން "އެއްކީސް" ޝޫޓިން ފަށާނީ މި އަހަރުގެ މެދުތެރެ ނުވަތަ އަހަރުގެ ފަހުކޮޅު އެވެ.

އެހެންވެ އޭނާ މިހާރު ނިންމާފައި ވަނީ ކެޓްރީނާ ކެއިފާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ހިމަނައިގެން ފިލްމެއް ހަދާށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާ އަދި ނަން އިއުލާން ނުކުރާ ފިލްމުގެ ޝޫޓީން އެޕްރީލް މަހުގެ ތެރޭގައި ޕޫނޭގައި ފަށާނެ އެވެ.

ކެޓްރީނާ މި ވަގުތު އަންނަނީ ހޮރޯ-ކޮމެޑީ "ފޯންބޫތު" ގެ މަސައްކަތް ކުރަމުންނެވެ. އަދި ވަރަށް އަވަހަށް އޭނާ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ސުޕަހީރޯ ފިލްމު "ސުޕަ ސޯލްޖާ" ގެ ޝޫޓިން ވެސް ފަށާނެ އެވެ.

ވިޖޭ އަކީ ދާދި ފަހުން ޝާހިދު ކަޕޫރްގެ އަލަތު ވެބް ސީރީޒް "ގަވަރް" ގެ ރޯލަކަށް ސޮއިކުރި އެކްޓަރެވެ. އޭނާ އަކީ އިންޑިއާގެ އެންމެ މަޝްހޫރު ތަމަޅަ އެކްޓަރުންގެ ތެރެއިން އެކެކެވެ. ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 13 ގައި ސިނަމާތަކުގައި ދައްކަން ފެށި "މާސްޓާ" އެވެ.

ސްރީރާމްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގައި އަޔޫޝްމަން ކްރާނާއާ އެކު ގެނެސްދިން ސަސްޕެންސް ތުރިލާ "އަންދާދުން" އެވެ.