14 ޖެނުއަރީ 2021 - 19:23

މާފުށީގައި އިއްޔެ ރޭ ހިނގި އެކްސިޑެންޓުގައި މޫދަށް ވެއްޓުނު ކާރުގައި ތިބި ތިން މީހުން ސަލާމަތްކުރި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އެ އިދާރާއިން މިއަދު ތައުރީފު ކޮށްފި އެވެ.
ކަރެކްޝަންސް އިން ކުރި ޓްވީޓެއްގައި ބުނީ އެސިސްސެންޓް ސުޕްރިޓެންޑެންޓު އޮފް ޕްރިޒަންސް އަބްދުލް ޣަނީ އާއި ޕްރައިވެޓް ހުސައިން ސޮލާހުގެ ވިސްނައިގަތުމާއި ފިޔަވަޅުމުގެ އަވަސްކަމަކީ، މޫދަށް ވެއްޓުނު ކާރުގައި ތާށިވި ތިން މީހުންގެ ފުރާނަ ސަލާމަތްކުރަން އެހީއަކަށް ވި ކަމެއް ކަމަށެވެ. އެ އޮފިސަރުންގެ ހިތްވަރާއި ހެޔޮ އަމަލަށް ސެލިއުޓް ކުރާ ކަމަށް ވެސް ޓްވީޓްގައި ކަރެކްޝަންސް އިން ބުންޏެވެ.
ފުލުހުން އިއްޔެ ބުނީ މާފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން މޫދަށް ވެއްޓި އޭގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަަކަށް އަނިޔާވި ކަމަށެވެ. އެ މީހުންނަށް މާފުށީ ސިއްހީ މަރުކަޒުން ފަރުވާދީފައިވާ ކަމަށާއި ކާރު ވެއްޓުމުގެ ތެރޭގައި ފަޅުގައި އޮތް ލޯންޗަކަށް ގެއްލުންވި ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ ކާރު ދުއްވާފައި ވަނީ ކާރު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.