16 ޖެނުއަރީ 2021 - 09:31

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕޮއިންޓް ޓޭބަލް އޮތް ގޮތާއި ހާލަތުގެ ގޮތުން ބަލާއިރު މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރުން ވެލެންސިއާ އަށް މަޖުބޫރުކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ އިން ވަނީ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއްނަގައިފަ އެވެ. އެއީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ ދެ ވަނައިގައި އޮތްއިރު، މިއަދު މޮޅުވެގެން މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެ އެވެ. ވެލެންސިއާ އަށް އެއް ވަނަ އަސް އެރޭނީ ބޮޑު ތަފާތަކުން ގްރާންޑޭ ބަލިކޮށްގެންނެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ ލީގުގެ އެހާ ކުރީކޮޅު ކަމަށް ވިޔަސް ނަތީޖާ ނެރެ މަގާމު ދެމެހެއްޓުމުގެ ކަންކަމަށް ބަލާއިރު ގްރާންޑޭ ކައިރިން ވެލެންސިއާ ނަތީޖާ ނެރެން ޖެހޭނެ ކަމަށެވެ.
"މި އޮތް ޕޮއިންޓް ޓޭބަލަށް ބަލަންޏާ މި މެޗަކީ ވެލެންސިއާ އަށް މަޖުބޫރު މެޗެއް. މި މެޗު ވެލެންސިއާ އެބަޖެހޭ ނަގަން. ނަގަންޖެހޭއޭ މި ބުނަނީ ދަ ގްރާންޑޭ އަށް ރެސްޕެކްޓް ނުކުރާތީއެއް ނޫން. ވެލެންސިއާ އިން މި މެޗު ނެނގޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ،" އާތީ ބުންޏެވެ.
އެންމެ ފަހުން ވެލެންސިއާ ކުޅުނު މެޗުގެ ފަހުކޮޅުގައި އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބާލަންޖެހުނެވެ. އާތީ ބުނީ މިއަދުގެ މެޗުގައި ދަގަނޑޭ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ދެވެން އަދި ނެތް ކަމަށާއި އެކަމަކު އަނިޔާ އިން އެއްކޮށް ރަނގަޅުނުވާނަމަ އޭނާގެ ވިސްނުމަކީ ދަގަނޑޭ ބޭނުން ނުކުރުން ކަމަށެވެ.
"އަހަރެންގެ ފިލޯސަފީ އަކީ އިންޖަރީ މީހަކު ނުކުޅުން ދެން އެހެން ނަމަވެސް ވަރަށް ބޮޑު ސްޓްރެންތެއް އެއީ. އިންޖަރީ މީހެއް ލައިގެން ކުޅުމަކީ ބުއްދިވެރި ގޮތެއް ނޫން. ޑޮކްޓަރު ނިންމިޔަސް ކުޅުންތެރިއަކު އިންޖަރީ ވިއްޔާ ނުކުޅޭނެ،" އާތީ ބުންޏެވެ.
އާތީ ބުނީ ދަ ގްރާންޑޭ މެޗުގެ ކުރިން ޓީސީއާ ކުޅެލަން ލިބުމަކީ ވެލެންސިއާ އަށް ދިމާވި ރަނގަޅު ގޮތެއް ކަަމަށާއި ސަބަބަކީ އެ ދެ ޓީމު ވެސް ކުޅެނީ އެއް ކަހަަލަ ގޮތަކަށްވުން ކަަމަށެވެ. ވެލެންސިއާ އިން މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކުގައި އެއް ފުރަތަމަ އެގާރައެއް ބޭނުންކުރީ ނަތީޖާ ވެސް ރަނގަޅަށް އޮތުމުން ކަމަށާއި އެކަމަކު އެ ބަދަލުކުރަން ޖެހޭ ހިސާބުން އެކަން ކުރަން ޖެހޭނެކަން ގަބޫލުކުރާ ކަމަށް އާތީ ބުންޏެވެ.
މިހާތަނަށް ލީގުގައި ގްރާންޑޭ ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ އެންމެ ފަހުން ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުންނެވެ. ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އެ މެޗުން އެހެންވި ކަމުގައި ވިޔަސް ވެލެންސިއާ މެޗަށް ނުކުންނާނީ އާ ރޫހެއްގައި މޮޅުވާން ކަމަށެވެ.
"މި ނުކުންނަނީ އިރާދަކުރެއްވިއްޔާ ފުލް ޕޮއިންޓްސް ނަގަން. އަޅުގަނޑުގެ އިތުބާރު ކުޅުންތެރިންނަށް އެބައޮތް. މިހެން ބުނާއިރު އެނގޭ ވެލެންސިއާ އަކީ މި ލީގުގައި އޮތް ވަރުގަދަ އެއް ޓީމުކަން. ވޭތުވެދިޔަ މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު އެކަން ނުކުރެވޭނެ ސަބަބެއް ނެތް،" އިންމަ ބުންޏެވެ.
މީގެ ކުރީގެ ތަޖުރިބާ އަށް ބަލާއިރު އެއް މެޗުން ބަލިވެގެން އަނެއް މެޗަށް ވެސް އަސަރުކޮށްފައި ހުރިކަން ހަނދާން ނައްތާނުލާކަމަށާއި އެހެންވެ އެކަމަށް ފަރުވާތެރިވެގެން ކުޅެން ކުޅުންތެރިންވެސް ބޭނުންވާކަން އިންމަ ފާހަގަކުރި އެވެ.
"މެޗަކުން އަޅުގަނޑުމެން އަތުން ޕޮއިންޓް ގެއްލުނީމަ ބައެއް ފަހަރުތަކުގައި ދިމާވޭ ދެން އަންނަ މެޗުގައި ވެސް ނަތީޖާތަކާ އެއްޗެހި ގޯސްވުން. އެހެން ނަމަވެސް މިދިޔަ މެޗަށް ފަހު އަޅުގަނޑުމެން ޓީމުގެ މޯޓިވޭޝަން އަަކަށް އެ ކުޅުންތެރިންގެ ހިތްވަރަކަށް ބަދަަލެއް ނާދޭ. އެއީ އެންމެ ފަހުން ކުޅުނު މެޗުގައި ނުކުޅެވިގެންނެއް ނޫން ހުސްއަތާ ފައިބަންޖެހުނީ. ހުރިހާ މަސައްކަތެއް ކުޅުންތެރިން ކުރި،" އިންމަ ބުންޏެވެ.
ދަ ގްރާންޑޭ އަށް ކުޅެމުން އަންނަ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަހުމަދު އަޔާޒް (އަޔާ) ރުޅިއަރުވާލަން އެހެން ޓީމުތަކުން އޭނާ އަށް ފައުލުކުރާކަމަށާއި އެއީ ގަސްދުގައި އަނިޔާއެއް ދޭން ކުރާ ފައުލަކަށް ވުރެން އެކަން ކުރަނީ އަޔާ މެޗުގެ ވިސްނުމުން ބޭރުކޮށްލުމަށް ކަމަށް އިންމަ ބުންޏެވެ. އަދި އެކަން ވިސްނައިދީގެން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.
ލީގުގެ ހަތަރެއްގައި އޮތް ދަ ގްރާންޑޭއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.