ޖަމާލުއްދީނުގެ ދަރިވަރަކާއި ގާޒީ ސްކޫލުގެ ޓީޗަރަކު ޕޮޒިޓިވް ވެއްޖެ
ޖަމާލުއްދީނުގެ ދަރިވަރަކާއި ގާޒީ ސްކޫލުގެ ޓީޗަރަކު ޕޮޒިޓިވް ވެއްޖެ

ސްކޫލަށް ދިޔަ ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކާއި ގާޒީ ސްކޫލުގެ ޓީޗަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެތަނުން ބުނީ ދަރިވަރާއި ޓީޗަރު ވެސް ޕޮޒިޓިވްވިކަން އެންގީ މިއަދު ކަމަށެވެ.

ޖަމާލުއްދީނުގެ ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރުގެ ކޮންޓެކްޓުންގެ ގޮތުގައި ހަތަރު ކުއްޖަކު މިހާތަނަށް ވަނީ ފާހަގަވެފަ އެވެ. އަދި ގާޒީ ސްކޫލުގެ ޓީޗަރުގެ ކޮންޓެކްޓުންގެ 12 މީހަކު ފާހަގަވެ، ކަރަންޓީނު ކޮށްފައިވާއިރު، އެއީ ހުސް ޓީޗަރުން ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.

"އަދިވެސް މި ދަނީ ކޮންޓެކްޓް ޓްރޭސްކުރަމުން،" އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބިލަބޮންގް ސްކޫލުގައި ކިޔަވާ އެއް އާއިލާއެއްގެ ހަތަރު ދަރިވަރަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ސްކޫލުން މިއަދު ވަނީ ބުނެފަ އެވެ. އެކަމަކު އޭގެ ތެރެއިން ދެ ކުއްޖަކު ސްކޫލަކަށް ނުދެ އެވެ. އަނެއް ދެ ކުދިން މިދިއަ ހަފުތާގައި ސްކޫލަށް ދިޔަ ކަމަށް ބުންޏަސް، އެޗުޕީއޭއަށް މިހާތަނަށް އެނގިފައި ވަނީ އެއިން އެއްވެސް ކުއްޖަކު ސްކޫލަށް ގޮސްފައި ނުވާ ކަމެވެ. އެހެންކަމުން އެ ސްކޫލްގެ އެހެން ދަރިވަރަކު އަދި ޓީޗަރަކު ވެސް، ކަރަންޓީންކޮށްފައެއް ނުވެ އެވެ.

ކޮވިޑާ ގުޅިގެން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފެށީ މިދިއަ އާދިއްތަ ދުވަހު އެވެ. އޭގެ ފަހުން، މީގެ ކުރިން، އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ އިތުރު ޓީޗަރުންތަކެއް ކަރަންޓީންކޮށްފަ އެވެ. އެކަމަކު އަމީނިއްޔާގެ އެއްވެސް ދަރިވަރަކު ނުހިމެނެ އެވެ.