07 ނޮވެމްބަރ 2016 - 11:52

އެލައިޑް އިންޝުއަރެންސް ގައުމީ ފިރިހެން ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ދެ ވަނަ މޮޅު ހޯދިއިރު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ފުރަތަމަ މޮޅު ހޯދައިފި އެވެ.
ފުރަތަމަ މެޗުން މޯލްޑިވިއަން އަތުން މޮޅުވި ސިފައިން އިއްޔެ މޮޅުވީ ސްޓެލްކޯ ރިކްރިއޭޝަން ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ސިފައިންގެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-15، 28-26 އަދި 25-20 އިިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ޓީމުގެ އާދަމް ނަސީމެވެ.
ސްޕޯޓްސް ކްލަބް ސިޓީ އަތުން ހޮނިހިރު ދުވަހު މޮޅުވި ޕޮލިސް އިއްޔެ ކާމިޔާބު ހޯދީ ގުޑީސް ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ޕޮލިހުގެ މުބައްޝިރް ރާޒާ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މި މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާ އެކު 25-8، 25-13 އަދި 25-9 އިންނެވެ.
މޯލްޑިވިއަން ފުރަތަމަ މޮޅު ހޯދީ ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މެޗުތައް ސެޓުތައް ހޯދީ 25-10، 25-21 އަދި 25-20 އިންނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މޯލްޑިވިއަން ވަނީ ފުރަތަމަ މެޗުން ސިފައިން އަތުން ބަލިވެފަ އެވެ.
ލީގުގައި ވާދަކުރާ ހަ ޓީމު ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު ސިފައިންނާއި ޕޮލިސް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. މޯލްޑިވިއަން އާއި ސްޓެލްކޯ އެއް މެޗުން މޮޅުވެފައިވާއިރު ސިޓީ އާއި ގުޑީސް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ. ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭއިރު ގައުމީ މުބާރާތަށް ހޮވޭނީ ގަދަ ހަތަރު ޓީމެވެ.