ސަސްގެ ކޯޗު ނާދުގެ އެއްބަސްވުން އުވާލައިފި
ސަސްގެ ކޯޗު ނާދުގެ އެއްބަސްވުން އުވާލައިފި

މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އަހުމަދު ނާޝިދުއާ އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.

މި ސީޒަނުގެ ނިޔަލަށް ނާދު އާއި ސަސްގެ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލާފައިމިވަނީ އޭނާ މަގާމުން އިސްތިއުފާނުދޭނެކަމަށް ބުނިތާ ދެ ދުވަސް ފަހުންނެވެ.

ނާދު ސަސް އިން ވަކިވުމާ އެކު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނުނިމެނިސް ޓީމާ ވަކިވި ފުރަތަމަ ޑިވިޝަނުގެ ކޯޗުންގެ އަދަދު ހަތަރަކަށް އެރީ އެވެ. އެންމެ ފުރަތަމަ މިދިޔަ މަހު މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އެ ޓީމުގެ ކޯޗުކަމާ ވަކިވިއިރު، މިދިޔަ ތިން ދުވަހުގެތެރޭގައި ވަނީ އިތުރު ތިން ކޯޗުން ކްލަބާ ވަކިވެފަ އެވެ. އެއީ ނާދުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގައި ހުރި މުހައްމަދު އާދަމް އާއި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ސަސް އާއި ޔުނައިޓެޑް ވިކްޓްރީ 1-1 އިން އެއްވަރުވި މެޗަށް ފަހު މުހައްމަދު ޔޫވީގެ ކޯޗުކަމުން އިސްތިއުފާދިންއިރު ބުނީ މަގާމާ ދުރަށްދިއުމާ މެދު މެނޭޖްމަންޓާ ވާހަކަދައްކަމުން އަންނަތާ ދެ ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށާއި އެއްބަސްވުމަކަށް އައިސް ސަސް މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް މަގާމުން އިސްތިއުފާދޭން ކުރިން ނިންމާފައި އޮތް ކަމަށެވެ.

ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ސަސް ކުޅުނު މެޗަކީ އެ ޓީމުގައި ނާދުގެ ފަހު މެޗުކަމަށް ބުނެ ދަނޑު ބޭރުން ވާހަކަތަކެއް ދެކެވިފައި އޮތްއިރު، އެކަމާ ބެހޭގޮތުން މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ނާދުއާ ސުވާލުކުރުމުން އޭނާ ބުނީ "މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި ޖެހޭނީ ވަކިކުރަން" ކަމަށެވެ. އެކަމަކު ސަސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ނާދުއާ އެކު ދެކެވުނު ވާހަަކަތަކަށް ފަހު ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް އުވާލަށް ނިންމާފައިވާ ކަމަށެވެ.

"ސަސްގެ ޓާގެޓް ފެށިއިރު ވެސް ބުނި ގަދަ ހައެއްގައި އޮތުމޭ. ގަދަހައެކޭ ބުނެފައި މި ހިސާބުން ކޯޗު ވަކިކުރަން ތަންކޮޅެއް އަވަސް ކަންނޭނގެ ފިޔަވަޅެއް ނަގަން ވެއްޖިއްޔާ. ކޯޗެއް ނުދޭނަން އިސްތިއުފާއެއް. ވަކިކުރަން ޖެހޭނީ. ތަށްޓައްކުޅޭ ބައެއް ވެއްޖިއްޔާ ވަކިކުރަންވީ މިހާރުއްސުރެން. އެއީ މި ސީޒަނުގައި ބަލިވީ އަދި މާޒިޔާ އަތުން،" ޔުނައިޓެޑް ވިކްޓްރީ މެޗަށް ފަހު މުސްތަގުބަލާ ބެހޭގޮތުން ސުވާލުކުރުމުން ނާދު ބުންޏެވެ.

މި ސީޒަނުގައި ގަދަ ހައެއްގެ ޓާގެޓްގައި ހާސިލްކުރަން ހަވާލުކުރި ނާދު ސަސް ކޯޗުކަމާ ވަކިވިއިރު އެ ޓީމު އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. އީގަލްސް އަތުން ސަސް މޮޅުވިއިރު، އެ ޓީމު ވަނީ ޓީސީ، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ އަދި ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފަ އެވެ. ނާދުގެ ކޯޗުކަމުގައި ސަސް ބަލިވީ ހަމައެކަނި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަތުންނެވެ.

ސަސް އިން ވަނީ ނާދު އެ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. ސަސްގެ ކޯޗުކަމާ ދެން ހަވާލުވާނެ ކަމަށް އަޑުފެތުރިފައިވަނީ އެންމެ ފަހުން އީގަލްސްގައި ހުރި ކޯޗު މޯހަން އެވެ. ޔުނައިޓެޑް ވިކްޓްރީގެ ވަގުތީ ކޯޗަކަށް އިހުސާން އަބްދުލް ގަނީ (ސާންތީ) މަސައްކަތްކުރަމުން އަންނައިރު، އީގަލްސް އަށް އާ ކޯޗެއް ހަމަޖައްސަންދެން ޓީމަށް އިރުޝާދުދޭނީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.

ލީގުގައި ދެން ސަސް ކުޅޭ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.