19 ޖެނުއަރީ 2021 - 12:12

ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫގެ މޯބައިލް ބެލެންސް ބޭނުންކޮށްގެން "ކާޓީ ސްޓޯރު"ގެ ގިފްޓް ކާޑާއި ގޭމިން ކޯޑު ލިބޭ ގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
ކާޓި ސްޓޯރަކީ އޮންލައިން ގޭމިން އާއި އީކޮމާސް ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑާއި ގޭމިން ކޯޑު ވިއްކާ ބައިނަލްއަގުވާމީ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް އައި ޓިއުންސް އާއި ގޫގްލް ޕްލޭ އާއި ޕްލޭސްޓޭޝަނާއި އެކްސް ބޮކްސް އާއި ނެޓްފްލިކްސް އަދި ސްޕޮޓިފައި އާއި ޕަބްޖީ އާއި ލީގް އޮފް ލެޖެންޑްސް އާއި ވޯލްޑް އޮފް ވޯކްރާފްޓުގެ ގިފްޓު ކާޑުތައް ލިބޭނެ އެވެ.
އުރީދޫން ބުނީ އެ ކުންފުންޏާއި ކާޓީ ސްޓޯރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މިހާރު އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބިލުގައި ހިމަނާގޮތަށް ކާޑާއި ކޯޑު ލިބޭނެ ކަމަށެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސްގައި ހުރި އަދަދަކުން އެ ތަކެތި ގަންނަން ލިބޭނެ އެވެ.
"މުޅި ރާއްޖޭގައި ވެސް ފެންނަމުން މިދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިން ގޭމިން އަދި އޮންލައިން ސްޓްރީމިން ވަރަށް ބާރަށް ފެތުރެމުން ދާތަން. މިފަދަ ހިދުމަތްތައް ހޯދަން ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރަން ޖެހުމަކީ ބައެއް މީހުންނަށް އުނދަގޫ ކަމެއް. މިއަދު މި ހުޅުވާލެވުނު ޕްލެޓްފޯމަކީ މިހުރިހާ ހިދުމަތްތަކެއް ހޯދުމަށް ލުއިފަސޭހަ ވެގެންދާނެ ޕްލެޓްފޯމެއް،" އުރީދޫން ބުންޏެވެ.
ކާޓީ ޕްލެޓްފޯމުގައި ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް www.kartistore.com މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ސައިންއަޕް ވުމަށްފަހު ގިފްޓް ކާޑު ގަންނަން ބޭނުންވާނަމަ ބޭނުންވާ ބްރޭންޑް ހިޔާރު ކުރުމަށްފަހު ބޭނުންވާ އަދަދާއި ފޯނު ނަންބަރު ޖެހުމުން ގިފްޓް ކާޑު ލިބޭނެ އެވެ.