20 ޖެނުއަރީ 2021 - 13:33

އެމްއޭސީއެލްގެ ޑެޕިއުޓީ ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް ހާމިދު ރިޒާ، 2019 ގައި ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާ އާއި މިދިޔަ ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ދޭން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފި އެވެ.
އެމްއޭސީއެލްގައި ވަޒީފާ އަދާކުރަައްވާތާ 20 އަހަރު ވީ، އަދި ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހާމިދުގެ މައްސަލަ މި މަހު 14 ގައި ނިންމަމުން ޓްރައިބިއުނަލުން ބުނީ އޮކްޓޯބަރު 7، 2019 ގައި އޭނާ ވަކިކުރުމުގައި "މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން" ވެސް ނެތް ކަމަށެވެ.
އެމްއޭސީއެލްގައި ތިއްބެވި އެންމެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހާމިދު ވަޒީފާ އިން ކުއްލިއަކަށް ވަކިކުރި އިރު "ސީނިއަަ މެނޭޖްމަންޓުން ހިތްހަމަނުޖެހުން" ފިޔަވައި، އެހެން ސަބަބެއް އެމްއޭސީއެލުން ބުނެފައެއް ނުވެ އެވެ. އެކަމަކު، އޭގެ ކުރިން ސުލޫކީ އެއްވެސް މައްސަލައެއް، އެއްވެސް އިންޒާރެއް، އަދި ނަސޭހަތެއް ވެސް ދީފައި ނުވާ ކަމަށް ޓްރައިބިއުނަލަށް ލެއްވި މައްސަލާގައި ހާމިދުގެ ފަރާތުން ބުނެފައިވެ އެވެ. އެހެންކަމުން ހާމިދު އެދިވަޑައިގަތީ އޭނާއަކީ ވަޒީފާއިން ވަކިކޮށްފައި ނުވާ ބޭފުޅެއްކަން ކަނޑައަޅައިދިނުމަށާއި މިދިއަ ދުވަސްތަކުގެ މުސާރަ އާއި އެހެން އިނާޔަތްތައް ވެސް ލިބޭ ގޮތަށް، މައްސަލަ ނިންމައި ދިނުމަށެވެ.
ޓްރައިބިއުނަލްގައި ދިފާއުވަމުން އެމްއޭސީއެލުން ބުނެފައި އޮތީ ހާމިދު ވަޒީފާ އިން ވަކިކުރީ އޭނާއާ މެދު "ސީނިއަ މެނޭޖްމަންޓްގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން" ކަމަށެވެ. އޭނާއާ މެދު އިސްލާހީ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ވަޒީފާ އިން ވަކިކުރީ އެމްއޭސީއެލް "ހިންގުމުގެ އިސް މަގާމެއްގައި ހުރި ފަރާތަކަށް ވާތީ" ކަމަށް ވެސް، ޓްރައިބިއުނަލްގައި އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލުން ދެއްކި ވާހަކަތަކުން އެނގެނީ އެއްބަސްވުމުގައި އޮންނަ ގޮތަށް "ނޯޓިސް ދިނުމަށް ފަހު، ވަޒީފާ އިން ވަކިކުރުމުގެ އިހުތިޔާރު ކުންފުންޏަށް ލިބޭތީ" ހާމިދު ވަޒީފާއިން ވަކިކުރީ އެ އެއްބަސްވުމުގެ އިމުގެ ތެރެއިން ކަމަށް، ގަބޫލުކުރާކަމެވެ.
ނަމަވެސް ޓްރައިބިއުނަލަށް ފެނުނީ އޭގެ އިދިކޮޅަށެވެ. އެގޮތުން އެމްއޭސީއެލްގެ ނިންމުން ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ކަމަށް، ޓްރައިބިއުނަލުން ކަނޑައެޅި އެވެ. ހާމިދަކީ "އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށް" ވެސް، ނިންމި އެވެ. އެހެންކަމުން ޓްރައިބިއުނަލުން އެމްއޭސީއެލްގެ މައްޗަށް އަމުރުކުރީ ހާމިދު ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ދިނުމާ ހަމައަށް ވޭތުވި ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ވެސް ދިނުމަށެވެ.
އެ ފައިސާ އެއް ފަހަރާ ދޭން ޓްރައިބިއުނަލުން ކަނޑައެޅި މުއްދަތަކީ ޖެނުއަރީ 14 އިން ފެށިގެން 14 ދުވަހެވެ.
ޓްރައިބިއުނަލުން ހާމިދާ އެއްކޮޅަށް މައްސަލަ ނިންމިޔަސް، އެކަމާ ބެހޭ ގޮތުންނާއި އާ ސަރުކާރާ އެކު އެމްއޭސީއެލްގެ ބޯޑާއި މެނޭޖްމަންޓަށް އައި ބަދަލުގެ ތެރޭގައި ހާމިދާ މެދު އެފަދަ ފިޔަވަޅެއް އެޅީ ކީއްވެގެން ކަމާ މެދު ވެސް، އެއްވެސް އެއްޗެއް ވިދާޅުވާކަށް އޭނާ ބޭނުމެއް ނުވި އެވެ.
"މިހާރު"ން ގުޅުމުން އޭނާ ވިދާޅުވީ "މި ކޭހާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނޫން" ކަމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހާމިދާ އެއްކޮޅަށް މައްސަލަ ނިންމުމުގެ އިތުރުން މި މަހުގެ 11 ގައި އޭނާއަށް ވަނީ ހައި ކޯޓުން ވެސް ކާމިޔާބެއް ލިބިވަޑައިގެންފަ އެވެ. މައްސަލާގައި ޓްރައިބިއުނަލުން ވަކި ގޮތެއް ނިންމުމުގެ ކުރިން އޭނާގެ ވަޒީފާއަށް މީހަކު އައްޔަންކުރުން ހުއްޓުވަން ނެރުނު އަމުރު އެމްއޭސީއެލުން ހައި ކޯޓުގައި އިސްތިއުފާންކުރި އެވެ. އެކަމަކު މި މަހު 11 ގައި ހައި ކޯޓުން ނިންމީ ޓްރައިބިއުނަލްގެ އަމުރު ރަނގަޅު ކަމަށާއި އެ އަމުރު ބާތިލްކުރާނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.