24 ޖެނުއަރީ 2021 - 09:27

ބުދަ ދުވަހާ ގުޅޭ
އެއީ ދެ ނަމާދު ދޭތެރެޔޭ މި ބުނާ ވަގުތެވެ. އާންމު ގޮތެއްގައި އެ ވަގުތު ވެސް ބާބަކިޔު ސަރަހައްދުގައި މީހުން އުޅެއެވެ. އެހެނަސް އެ ރެޔަކު އެކަކު ވެސް ނެތެވެ. އެއީ، މަދުން ނޫނީ ތަނަވަސް ނުވާ ކަހަލަ ހާލަތެކެވެ. ޒިޔާން އެ ތަނަށް އައި ހަގީގީ މަގުސަދަކީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމެވެ. ދެމެދުގައި އުފުލިފައިވާ ނުތަނަވަސްކަމުގެ ފާރު ނައްތައިލުމެވެ. ނެތިގެން ދިޔައީ ލަދުވެތިކަމުގެ ފާރެވެ. މަނާރަތު އެދެމުން ދިޔައީ އެންމެ ކަމަކަށެވެ.
"ތީ ގޯހެކޭ!" މަނާރަތުގެ ވިސްނުން ބަދަލުކުރަން ޒިޔާން ވަރަށް މަސައްކަތް ކުރި އެވެ. "މަނާއެއް އެނގޭތަ؟ ދެ ނަމާދު ދޭތެރެއަކީ ޖިންނި ސައިތާނުން ބިންމަތީގައި ފެތުރި ގަންނަ ވަގުތު. މި ތަނުގަ، ތިންވަނަ މީހަކަށް އޭނާ މިހާރު ހުންނާނެ."
"އޭނަ އަށް ވުރެ މާ އުނދަގޫވޭ ޒިޔާން ހުންނާތީ!" ހިތްހަމަނުޖެހިފައި މަނާރަތު ބުންޏެވެ. "ކޮންމެ ދުވަހަކު ލެބުން ޒިޔާން ފެންނާތީ! މުލަކު ޓްރިޕްގެ ފަހުން ހަމަ ވަރަށް އުނދަގޫވޭ! ސީރިޔަސްކޮށް މި ބުނީ."
މައްސަލައިގެ ހަމަ އެކަނި ހައްލަކީ ކައިވެންޏެވެ. ޒިޔާނަކަށް އެ ވާހަކަ ދެއްކޭކަށް ނެތެވެ.
"އަހަރެން އަދިވެސް ހިތަށް އަރާ އެ ޓްރިޕްގައި ހިނގި ކަންތައް ހިނގީ ކީއްވެގެން ބާއޭ؟" ޒިޔާން އެހިއެވެ. "އަހަރެން މި ވާހަކަ ދެއްކީމާ ފަހަރެއްގައި މަނާ އަޕްސެޓް ވެދާނެ. އެކަމަކު އަހަންނެއް ނޫން މަނާ ގެނައީ. މަނާ އަހަރެން ގެނައީ."
"އަހަރުމެން މިހާރު އަބަދު އަރައިރުން ވަނީ ކީއްވެތަ؟" ޒިޔާންގެ އުނގުގައި ބޯ އަޅާލައިގެން އޮތް މަނާރަތު ބުންޏެވެ. "އޯކޭ! އެއީ އަހަރެންގެ އައިޑިޔާއެއް. ޒިޔާނަށް ރިކްއެސްޓުކުރީ ވެސް އަހަރެން. އަހަރެން ބޭނުންވީ ރައިޑަކަށް ދާން. އޯކޭ! އެ ތަނަށް މަޑުކުރަން ބުނީ ވެސް އަހަރެން. އަހަންނަށް ކެރޭނެ އެ ހުރިހާ ކަމަކަށް ވެސް ޒިންމާވާން. އެކަމަކު ފުރަތަމަ ގައިގައި އަތްލީ ޒިޔާން. އެ ހިސާބުން ހުރިހާ ކަމެއް ސަކަރާތްވީ! ޒިޔާން ވެސް ޒިންމާނަގަން ކެރިބަލަ!"
ވާހަކަ ދައްކަމުން ޒިޔާންގެ އަތުގައި މަނާރަތު ފިރުމައިލި އެވެ. ވައި ބަދަލުވާން އުޅޭ ކަމުގެ ފުރަތަމަ އިންޒާރު ޒިޔާނަށް ލިބުނީ އެ ހިސާބުންނެވެ. ހުޅުމާލެ އާއި މުލަކާ ދެމެދު ކިތަންމެ ބޮޑު ދުރުމިނެއް އޮތަސް، ދަތުރު ކިހާ ކުރުވެއްޖެކަން ޒިޔާނަށް އިހުސާސް ކުރެވުނެވެ. އެކަމަކު އެ ތަނުން ތެދުވެގެން ދާކަށް ޒިޔާން ބޭނުމެއް ނުވި އެވެ. ވަގުތު އޮއްވައި ވަގުތުގެ ބޭނުންކުރާކަށް ވެސް ބޭނުމެއް ނުވި އެވެ. އިނބިލީހުގެ ވަސްވާސް ޒިޔާންގެ ސިކުނޑި އާއި ނާރުތަކަށް ފެތުރެން ފެށި އެވެ. ޖަޒުބާތުގެ އޮއިވަރު ޒިޔާން ދަމަން ފެށީ ކަނޑުގެ އެންމެ ފުން ދިމާއަށެވެ.
"އެރޭ އަހަރެން މޫދު ކައިރިއަށް މަޑުކުރީ ވައި ޖައްސާލަން،" ޒިޔާން ބުންޏެވެ. "އެހެން އެއްވެސް ނިޔަތެއް ނެތް. މަނާ ކަންތައް ކުރި ގޮތުން.. ދެން ހިނގާ ބްލޭމްގޭމް ހުއްޓާލަމާ! ވީ ކަމެއް ނުވާ ކަމަކަށް ނެހެދޭނެ. ދެން އެ ހާދިސާއެއް ރިޕީޓްވިޔަ ނުދިނީމާ ނިމުނީ. ހިނގާ ދަމާ!"
ޒިޔާން އެހެން ބުނީ ކޮންމެހެން ދާހިތަކުން ނޫނެވެ. އެ ފަދަ ވަގުތެއްގައި ތެދުވެގެން ހިނގައިގަންނަން ބޭނުންވާ ހަކަތައެއް ޒިޔާންގެ ހަށިގަނޑަކު ނެތެވެ. މަނާރަތު ތެދުވި އެވެ. ދާކަށް ނޫނެވެ. ޒިޔާން ދިޔަ ނުދިނުމަށް ޓަކައެވެ. މަނާރަތު ޖީބުން ފޯނު ނެގިއެވެ. ސެކްސަފޯން ރާގުތަކުގެ ތެރެއިން އެންމެ ރަހަ ގަދަ ރާގަށް ފިއްތައިލި އެވެ. ނަށަން ފެށި އެވެ. ރޯވަމުން ދިޔަ އަލިފާންގަނޑަށް ތެޔޮ ބުރުއްސާލުމާއެކު ހުޅުގަނޑު ފަޅައިގެން ދިޔަ އެވެ. މަނާރަތުގެ ވިހަ ހަރަކާތްތަކަށް ނޫނެކޭ ބުނަން ޒިޔާން ނުކުޅެދުނެވެ. އެ ވަގުތު ބަޔަކު ވާހަކަ ދައްކާ އަޑު އިވުނުހެން ހީވެގެން ޒިޔާންގެ ސަމާލުކަން އެ ދިމާއަށް ނުދިޔަ ނަމަ، އެ ރޭ ދެވަނަ ފަހަރަށް މުލަކަށް ދަތުރު ކުރެވުނީހެވެ.
"ހިނގާ ދަމާ!" ޒިޔާން ތެދުވަމުން ބުންޏެވެ.
މަނާރަތު އެ ތަނަށް އައީ މައްސަލައެއް ފިނިކުރާކަށް ނޫނެވެ. އެއީ ރޭވިގެން ހިނގި ކަމެކެވެ. ވީމާ، މަގުސަދު ހާސިލު ނުވަނީސް އެ ތަނުން ދާކަށް މަނާރަތު ނުވިސްނަ އެވެ. ޒިޔާނާ އެއްކޮށް މަނާރަތު ވެސް ތެދުވި އެވެ. ހިނގައިގަތެވެ. ކުއްލިއަކަށް މަނާރަތު ހޭނެތިގެން ވެއްޓުނެވެ. އެ ފަދަ ކަމަކަށް ނުވިސްނައި ހުރުމުން ޒިޔާނަކަށް މަނާރަތު ނުވެސް ހިފޭއްޓުނެވެ. ވެއްޓުނު ގޮތަށް މަނާރަތު އެއްވެސް ހަރަކާތެއް ނުކުރެއެވެ. ޒިޔާނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ވަގުތުން މަނާރަތު ކައިރިއަށް އައިސް މަނާރަތުގެ ހާލުބެލިއެވެ. ޒިޔާނަށް ލިބިފައިވާ ތައުލީމާއި، ތަޖުރިބާގެ ބޭނުން އެރޭ ހިފުނެވެ. މަނާރަތު އޮތީ ހަގީގަތުގައި ވެސް ހޭނެތިފައެވެ. ކީއްވެގެން ހެއްޔެވެ؟ މަނާރަތު ނަގައިގަނެގެން ގެންދަންވީ ހެއްޔެވެ؟ އެންބިލާންސަށް ގުޅަންވީ ހެއްޔެވެ؟ އޭގެ ސަބަބުން ޒިޔާނަށް ކިތައް ސުވާލު ކުރިމަތިވާނެ ހެއްޔެވެ؟ ގޮތެއް ވިސްނަން މިނެޓެއްހާ އިރު މަޑުކޮށްފައި މަނާރަތު ނަގައިގަނެގެން ގެންދަން ޒިޔާން ނިންމިއެވެ. މަނާރަތު ނޫން އެހެން މީހަކު ނަމަވެސް ޒިޔާން ކަންތައް ކުރާނެ ގޮތަކީ އެއީއެވެ. އެހެނަސް، ހޭނެތި ގައިން ވަރުދޫވެފައި ވުމުން މަނާރަތު ނަގާކަށް ޒިޔާނަކަށް ފަސޭހައެއް ނުވިއެވެ. އެ ކަމެއްގައި އުޅެނިކޮށް މަނާރަތު ހޭއެރިއެވެ. ހަރަކާތްކުރަން ފެށިއެވެ.
"ކިހިނެއްވީ؟" ބަލި ގޮތަކަށް މަނާރަތު އެހިއެވެ.
"އަހަރެންނެއްނު ތިހެން އަހަންވީ!" ޒިޔާން ބުންޏެވެ. "ކިހިނެއްވީ؟"
މަނާރަތު ތެދުވިއެވެ. ތެދުވި ވަގުތު ވެސް މަނާރަތު އަރިއަޅައިލިއެވެ. ޒިޔާން ނިހިފޭއްޓި ނަމަ ވެއްޓުނީހެވެ.
"ވެދާނެ މިއަދު ރަނގަޅަށް ނުކައި ހުރީމަ ކަމަށް،" ޒިޔާން ގައިގައި އެލިގަނެގެން ކަހަލަ ގޮތަކަށް އޮވެ މަނާރަތު ބުންޏެވެ. "މި ތަނުގަ ފާޑެއްގެ ދުން ވަހެއް ވެސް އެބަ ހުއްޓެއްނު! އެހެންވީމަ ކަމަށް ވެސް ވެދާނެ. އަދި އިރުކޮޅަކު މަޑުކޮށްލެވިދާނެތަ؟"
ޒިޔާން އެ ފުރުސަތެއް ނުދިނެވެ. ދުން ވަހަށް ވުރެ ޒިޔާނަށް ދުވި ވަސް މާ ވަރުގަދައެވެ.
"ދެން ހިނގާ ދަމާ!" ޒިޔާން އެދުނެވެ. "ނުކައި ހުންނާކަށް ނުވާނެ."
އެ ހިސާބުން އެރޭގެ ބައްދަލުވުން ނިމުނީއެވެ. މަނާރަތު ހޭނެތުނު ސަބަބެއް ޒިޔާނަކަށް ނޭނގެއެވެ. މަނާރަތާއި ޒިޔާން ބާބަކިޔު ސަރަހައްދަށް އައީ ޕާޓީން ކޮންމެވެސް ވަރަކަށް ކައިގެންނެވެ. އެ ކަން ޒިޔާން ހަނދާން ހުއްޓެވެ.
ޖެހިގެން އައި ދުވަހަކީ ޒިޔާނަށް ހިތާމަވެރި ޚަބަރެއް ލިބުނު ދުވަހެކެވެ. އެއީ، އިންޑިޔާގެ ޕަންޖާބު ޔުނިވަސިޓީގައި ކިޔަވަމުންދިޔަ އަހުސަން ދަންޖެހިގެން މަރުވި ޚަބަރެވެ. އަހުސަނަކީ ޒިޔާނާ އެކުގައި ފޮރެންސިކު ޑިޕާޓުމަންޓުގައި މަސައްކަތް ކުރި އެކުވެރިއެކެވެ. ރަނގަޅު ވަގުތުގައި ޒިޔާނަށް ރަނގަޅު ނަސޭހަތްދޭ ރައްޓެއްސެކެވެ. ކަންކަމާ ކުރިމަތިލާނެ ހިތްވަރު އަހުސަންގެ ކިބައިގައި ހުންނާނެއެވެ. ހިތްމަރުވެގެން ދަންޖެހުމަކީ ޒިޔާން ދަންނަ އަހުސަން ކުރާނެ ކަމެއް ނޫނެވެ.
"އަހަރެން ބޭނުން އަހުސަންގެ ޕޯސްޓުމޯޓަމް ހަދާ އިރު އެކޮޅުގަ ހުންނަން،" މަނާރަތާ ބައްދަލުކޮށްފައި ޒިޔާން އެދުނެވެ. "އަހަރެން އެކޮޅަށް ފޮނުވާ!"
"އެއީ ކީއްކުރަން ޒިޔާން ދަނީ؟" މަނާރަތު ސުވާލު އުފެއްދިއެވެ. "އިންޑިޔާއަކުން އެހީއަކަށް ރިކްއެސްޓެއް ނުކުރޭ! ޒިޔާނަކީ އެ ފީލްޑްގަ އުޅޭ މީހެއް. ޒިޔާނަށް އެނގޭނެ އެ މީހުން ކިހާ ރަނގަޅަށް އެ ކަން ބަލާނެކަން. ނޫންތަ؟"
ޒިޔާން ދޭން ބޭނުންވި ޖަވާބެއް ނުދެއެވެ. އެ ޖަވާބުގެ ސަބަބުން ޒިޔާނަށް ނުދެވިދާނެތީއެވެ.
"އަހަންނަށް އެނގޭ އެ މީހުން ކިހާ ރަނގަޅަކަށް ބަލާނެކަން،" ދެމާނަ ލައިފައި ޒިޔާން ބުންޏެވެ. "އެކަމަކު އެ މީހުންނަށް ވުރެ ރަނގަޅަށް އަހަންނަށް އަހުސަން އެނގޭ. އެ މީހުންނަށް ނޭނގޭ ކިތަންމެ ކަމެއް ވެސް އަހަންނަށް އެނގޭ. އަހަރެން ފޮނުވާ! ޕްލީޒް! އެހެންނޫނީ މީހުންނަށް ހީވާނީ އޭނަ ދަންޖެހިގެން މަރުވީއޭ!"
"އޭނަ ދަންޖެހިގެންނޭ މަރުވީ!" ޔަގީންކަމާ އެކުގައި މަނާރަތު ބުންޏެވެ. "ލުކް! އަހަންނަށް އެނގޭ މި ދަނޑިވަޅުގަ ޒިޔާން ކިހާ ދެރަވާނެކަން. އަހަރެން ވެސް ދެރަވޭ! ޔުނިޓުގެ ވަރަށް މުހިންމު މުވައްޒަފެއް ގެއްލިގެން އެ ދިޔައީ. ޒިޔާނަށް އަހުސަން އެނގޭ ވަރަށް އަހަންނަށް އަހުސަން ނޭނގިދާނެ. އޭނަޔާ ބެހޭ ގޮތުން އަހަންނަށް އެނގޭ ބައެއް ކަންކަން ޒިޔާނަށް ވެސް ނޭނގި އޮވެދާނެ."
"މިސާލަކަށް؟" ޒިޔާން ސުވާލުކުރިއެވެ.
"އަހަރެންގެ މަގާމުގެ ގޮތުން ޒިޔާނަށް ކިޔައިނުދެވޭ ކަހަލަ ވާހަކަ ވެސް ހުންނާނެ ދޯ!" މަނާރަތު ދިނީ ރަސްމީ ޖަވާބެކެވެ.
"އެންމެ ފަހުން އަހުސަން ގުޅި ކޯލުތަކުގަ އޭނަ ބުނި.." ޒިޔާނަށް ބުނެވުނީ އެ ހިސާބަށެވެ.
"ޒިޔާން!" މަނާރަތު ބުންޏެވެ. "މީޓިންއަކަށް ވަންނަން މިދަނީ. އިންޑިޔާއިން އެބަ އިންވެސްޓިގޭޓުކުރޭ! އަހަރުމެން އެ ކަމުގެ ތެރެއަށް ނުވަންނަމާ! އަހުސަނަކީ އަހަރެންގެ ދަށުން މަސައްކަތްކުރާ ސްޓާފެއް. ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް އަހަރެން ނުބާއްވާނަން. އަހަންނަށް ޓްރަސްޓުކުރެވޭތަ!"
ވިސްނާލައިފައި ޒިޔާން ބޯޖަހައިލިއެވެ. މަނާރަތަކީ އަހުސަން ހީކުރި ވަރަށް ވުރެ މާ ހަރުދަނާ ވެރިއެއްކަން ހިތާހިތުން ޒިޔާނަށް ގަބޫލުކުރެވުނެވެ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް އަހުސަން ވަކިވެގެން ދިޔުމަކީ ޒިޔާންގެ ހިތް ނުތަނަވަސްކުރުވި ކަމެކެވެ. އަހުސަން ދެއްކި ވާހަކަތަކަށް ސީރިއަސް ނުވެވުމާއި، ދޭންޖެހޭ ވަރަށް އެހީތެރިކަން ނުދެވުނުކަން ހިތާހިތުން ޒިޔާން ގަބޫލުކުރިއެވެ. އެހާ ކުއްލި ގޮތަކަށް އަހުސަން ގެއްލިދާނެކަމަކަށް ޒިޔާން ހިއެއް ނުކުރެއެވެ.
"އެ ކަމާ ދެން ވިސްނިޔަކަސް ކުރާނެ ކަމެއް ނޯންނާނެ،" މަނާރަތު ނަސޭހަތް ދިނެވެ. "ޒިޔާން ޖެހޭނެ ޒިޔާންގެ ފިއުޗަރއަށް ވެސް ވިސްނަން. މިހާރު މީޓިން ފެށެން ވަރަށް ކައިރިވެއްޖެ! ދެން ފަހުން މި ވާހަކަދައްކާނީ. މިއަދު ހީވޭ މީޓިން ވަރަށް ހޫނުވާނެހެން."
މަނާރަތު ބައިވެރިވި ބައްދަލުވުމުގައި ހިނގައިދިޔައީ ކޮންކޮން ކަމެއްކަމެއް ޒިޔާނަކަށް ނޭނގެއެވެ. މަނާރަތެއް ވެސް އަދާހަމައެއް ނުކޮށްދެއެވެ. އެކަމަކު ދުރުދުރުން ޒިޔާނަށް ޚަބަރުތަކެއް ލިބުނެވެ. މަނާރަތުގެ މަސައްކަތާއި ސުލޫކާ މެދު ވެރިން ސުވާލުއުފައްދަން ފަށައިފިއެވެ. ޒިޔާނާ ހަވާލުނުކޮށް އެހެން މުވައްޒަފުންނާ ހަވާލުކުރި ވޭދަނަތަކުން އެދެވޭ ނަތީޖާ ނުނެރެވުމުން، މަނާރަތުގެ ހިންގުންތެރިކަން ބޮއްސުންލާކަމުގެ ޝަކުވާތައް ގިނަވެއްޖެއެވެ. ކަންކަން ރަނގަޅުކުރަން މަނާރަތަށް ނަސޭހަތްދިނުމާއި، ތަނުގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން ވެސް ހަމަޖެހިއްޖެއެވެ. މަނާރަތަކީ ޔުނިޓުގެ ވެރިޔާއެވެ. މުޅި ޑިޕާޓުމަންޓުގެ ވެރިޔަކީ މާހިދެވެ.
"އަހަންނަށް ހީވަނީ ޒިޔާން ޔުނިޓު ހެޑަށް ހަދަން މާހިދު އެބަ ވިސްނާހެން." ޒިޔާނަށް ޚަބަރު ގެނެސްދިން އެކުވެރިޔާ ބުންޏެވެ.
-ނުނިމޭ-