25 ޖެނުއަރީ 2021 - 08:45

ސައޮ ޕައޮލޯ (ޖެނުއަަރީ 25) - ބްރެޒިލްގެ ހަތަރު ވަނަ ޑިވިޝަނުގެ ކްލަބް ޕަލްމަސްގެ ރައީސާއި ހަތަރު ކުޅުންތެރިއަކު ދަތުރުކުރަމުންދިޔަ ކުޑަ މަތިންދާބޯޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ އެވެ.
ބްރެޒިލްގެ ކަޕް މެޗެއް ކުޅެން އިއްޔެ ޓޮކަންޗީންސް އިން ފުރައިގެން ގޮޔާނިއާ އަށް ދާން ޕަލްމަސްގެ ރައީސް ލޫކަސް މެއިރާ އާއި އެ ޓީމުގެ ހަތަރު ކުޅުންތެރިން ކަމަށްވާ ލޫކަސް ޕްރަޒެޑޭސް، ހުއިލެރްމޭ ނޯއު، ރަނޫލޭ އަދި މާކަސް މޮލިނާރީ ގޮވައިގެން ފުރި ކުޑަ މަތިންދާބޯޓު ވެއްޓުނީ ރަންވޭ އިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ބޯޓު ދުއްވަން އިން ޕައިލެޓް ވެގްނާ ވެސް ވަނީ މި ހާދިސާގައި މަރުވެފަ އެވެ.
ޕަލްމަސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ހިތްދަތި ވަގުތު ކްލަބްގެ ހުރިހާ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް ދެވެން އޮތް ހުރިހާ ސަޕޯޓެއްދޭނެ ކަމަށެވެ.
ޓޮކަންޗީންސް އޭވިއޭޝަން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޕަލްމަސްގެ ރައީސާއި ކުޅުންތެރިން ގޮވައިގެން ފުރި މަތިންދާބޯޓު ވެއްޓުނީ ރަންވޭގެ ކޮޅަށް ކަމަށެވެ.
ޕަލްމަސް ކުޅުންތެރިން ގޮވައިގެން އެ ބޯޓު ދާން އޮތީ 500 މޭލު ދުރަށެވެ. އެއީ މިއަދު ކުޅެން ހަމަޖެހިފައި އޮތް ބްރެޒިލް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގެ މެޗުގަ އެވެ. ވިލާ ނޯވާއާ ދެކޮޅަށް ޕަލްމަސް ކުޅެން ހަމަޖެހިފައި އޮތް މެޗު މިހާރު ވަނީ ފަސްކޮށްފަ އެވެ.
ބްރެޒިލްގެ ޓީމުތަކަށް މީގެ ކުރިން ވެސް މަތިންދާބޯޓު ވެއްޓި ކުޅުންތެރިން މަރުވުމުގެ ހާދިސާތަކެއް ކުރިމަތިވެފައިވެ އެވެ. އެގޮތުން އެންމެ ހިތްދަތި އެއް ހާދިސާ އަކީ 2016 ވަނަ އަހަރު ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށް ނޮވެމްބަރު 2016 ގައި މަތިންދާބޯޓު ވެއްޓި ބްރެޒިލްގެ ޝަޕޮކޮއެންސްގެ 19 ކުޅުންތެރިންނާއި އޮފިޝަލުން މަރުވުމެވެ. އެ ފަހަރު އެ ބޯޓުން ދަތުރުކުރި ހަ މީހަކު ސަލާމަތްވި އެވެ. އޭގެ ދެ އަހަރު ކުރިން އިންޓަނަސިއޮނަލް ކެޕްޓަން ފެނާންޑާއޯ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި އޭނާ މަރުވި އެވެ.