ބިގް ބޮސް 14: އަލީ އަށް ހިތްކީ ސޮނާލީ ކަޓައިފި
ބިގް ބޮސް 14: އަލީ އަށް ހިތްކީ ސޮނާލީ ކަޓައިފި

ސޮނާލީ ޕޯގާޓް "ބިގް ބޮސް 14" އިން ފުރުސަތު ލިބި ގެއަށް ވަނުމުގެ ވަދެވުމާ އެކު، ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އަލީ ގޯނީ އަށް ހިތްކިޔައި، އެ ވާހަކަ ތަކުރާރުކޮށް ދައްކާފައި ވަނިކޮށް އާދީއްތަ ދުވަހުގެ ރޭ ޝޯއިން ކަޓައިފި އެވެ.

ކުރިން ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށް ފަހު، ފަހުން ސިޔާސީ ދާއިރާ އަށް ނުކުތް ސޮނާލީ، 42، އަކީ ވައިލްޑް ކާޑްގެ ދަށުން ކަލާޒްގެ ރިއަލިޓީ ޝޯ އިން މި ފަހަރު ފުރުސަތު ލިބުނު ބައިވެރިއެކެވެ. ފިރިމީހާ މަރުވެފައިވާ ސޮނާލީ އަކީ 14 އަހަރުގެ އަންހެން ކުއްޖެއްގެ މައެކެވެ.

އުމުރުން 29 އަހަރުގެ އަލީ އަށް ހިތްކިޔާ ވާހަކަ ސޮނާލީ ފާޅުގައި ބުނެފައި ވަނީ އަލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޓީވީ ބަތަލާ ޖޭސްމިން ބާސީން "ބިގް ބޮސް 14" އިން ކަޓައިގެން ދިޔަ ފަހުންނެވެ. އޭގެ ފަހުން ތަކުރާރުކޮށް އޭނާ އަށް އަލީ ވަރަށް ކަމުދާ ކަމަށާއި އެ ވާހަކަ ދައްކަން އެއްވެސް ވަރަކަށް ޖެހިލުން ވެސް ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި ސޮނާލީގެ މި ވާހަތަަކާ ގުޅިގެން ޝޯގެ ހޯސްޓް ސަލްމާނާ ޚާނާއި ޝޯގެ ބައިވެރިން ވެސް ސޮނާލީ އާއި އަލީއާ ދިމާކޮށްފައިވެ އެވެ.

ސޮނާލީ އާދީއްތަ ދުވަހުގެ ރޭ ވެސް ބުނީ އަލީ ފެނުނު ހިސާބުން ފެށިގެން އޭނާ އަށް ހިތްކިޔަން ފަށާފައިވާ ކަމަށާއި އަލީ ފެނުމުން އެކަނި ވެސް ހިތްފުރޭ ކަމަށެވެ.

ސޮނާލީ ބިގް ބޮސް އިން ކެޓުމުން މިހާރު ޝޯގައި ތިބީ ރުބީނާ ދިލައިކާއި ފިރިމީހާ އަބީނާވް ޝުކްލާ އާއި އަލީ އާއި ނިކީ ތަމްބޯލީ އާއި ރާކީ ސާވަންތާއި ރާހުލް ވައިދިއާ އާއި އަރުޝީ ޚާންގެ އިތުރުން ވިކާސް ގުޕްތާ އާއި އިޖާޒް ޚާން އެނބުރި އަންނަންދެން ޝޯގައި ބައިވެރިވާ ޑެވޮލީނާ ބަޓަޗަރްޖީ އެވެ.

ބިގް ބޮސްގެ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްތައް ސަލްމާނާ އެކު "ވީކެންޑް ކާ ވާރު" ގެ ނަމުގައި ގެނެސްދިން ނަމަވެސް މި ހަފުތާގައި އޭނާ ޝޯގައި ބައިވެރިއެއް ނުވެ އެވެ. ބަދަލުގައި އާދީއްތަ ދުވަހުގެ ރޭ ޝޯގެ ހޯސްޓިން ކުރިއަށް ގެންދިޔައީ "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާ އެވެ. އޭނާ އަކީ މި ފަހަރުގެ ސީޒަން ފެށި އިރު "ތޫފާނީ ސީނިއާއެއް" ގެ ގޮތުގައި ވެސް ދެ ހަފުތާ އަށް ޝޯގައި ބައިވެރިވި މީހެކެވެ.

ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްގެ ހޯސްޓިން ކުރިއަށް ގެންދިޔައީ "ބިގް ބޮސް 7" ގައި ވާދަކުރި ކާމިޔާ ޕަންޖާބީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޖޭސްމިން އަނެއްކާ ވެސް އެނބުރި ވަރަށް އަވަހަށް ޝޯ އަށް އަންނާނެ އެވެ. މިކަމަކީ މި ފަހަރުގެ ސީޒަން ފެށުނީއްސުރެ ބެލުންތެރިން އެންމެ އަޅައިގަންނަ ފޫހި ކުޅިގަނޑެވެ. އެހެންވެ މި ފަހަރުގެ ސީޒަން ބައެއް މީހުން ސިފަކުރަނީ ތަކުރާރުކޮށް ބައިވެރިން ވައްދާފައި ނެރުމުގެ ރެކޯޑް ހަދާ ސީޒަނެއްގެ ގޮތުގަ އެވެ.