27 ޖެނުއަރީ 2021 - 15:37

ކޮވިޑް-19 ގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ ބައްދަލުކުރަން ދިއުމުން އެކަން ނުވެ ދަރުބާރުގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިންތިހާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅު އިއްތިހާދުން މިދިޔަ ހޯމަ ދުވަހު ކުރި މުޒާހަރާއާ އިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދުރޭ އާއި ޝުޖާއުގެ އިތުރުން ވެސް ޕާޓީގެ އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް އެ ދުވަހު ގެންދިޔަ އެވެ. އެއިން އެއްވެސް މީހަކު ހައްޔަރަށް ނުގެންގޮސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް ވެކްސިން ކަމަށްވާ ކޮވިޝީލްޑަކީ ރައްކާތެރި އެއްޗެއް ކަމުގެ ޔަގީންކަން ދިނުމަށެވެ. ބައެއް ގައުމުތަކުގައި މިހާރުވެސް އެ ގައުމުތަކުގެ އަމިއްލަ ހުއްދައިގެ ދަށުން ދޭން ފަށާފައިވާ މި ވެކްސިނާ ބެހޭ މައުލޫމާތު އޮކްސްފޯޑް-އެސްޓްރާޒެނެކާ ކުންފުން މިހާރު ވަނީ ޑަބްލިޔުއެޗްއޯ އަށް ހުށަހަޅައިފަ އެވެ. ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ވެކްސިނާ ބެހޭ ގޮތުން ނިންމަންޖެހޭ ކަންކަން އަންނަ މަހު މެދަކާ ހިސާބުގައި ނުވަތަ އޭގެ ކުރިން ނިންމާނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ ރާއްޖޭގައި ވެކްސިން ދޭނީ އޭގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށެވެ. އެހެންވެ އޭގެ ކުރިން މިހާރު އަންނަނީ ވެކްސިނަށް މީހުން ރަޖިސްޓްރީކުރުމާއި ވެކްސިން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.