28 ޖެނުއަރީ 2021 - 19:09

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ ދެ ވަނައިގައި ކުރިން އޮތް ވެލެންސިއާ އިއްޔެ ހަވީރު ކުޅުނު މެޗުން ވަނީ އެއް ވަނައިގައި އޮތް މާޒިޔާ އަތުން ބަލިވެފަ އެވެ. ދަ ގްރާންޑޭ މި މެޗުން މޮޅުވުމުން އެއް ވަނައިގައި އޮތް މާޒިޔާގެ ލީޑުވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދަ ގްރާންޑޭ އަށް އަށް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ތިން ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
އަށް މެޗުން ނުވަ ޕޮއިންޓާ އެކު ޓީސީ މި ވަގުތު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ޓީސީގެ ކޯޗުކަމުން އިއްޔެ މުހައްމަދު ޝާޒްލީ (ޝާޒް) އިސްތިއުފާ ދިނުމާ ގުޅިގެން މިއަދުގެ މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދު އެވެ. މިއަދުގެ މެޗަށް ފަހު އަހުސަން ބުނީ މެޗަށް ތައްޔާރުވަމުން އައީ ޝާޒްއާ އެކު ކަމަށާއި ކުއްލިއަކަށް އޭނާ ނުލައި މެޗަށް އައިސް ރަނގަޅަށް ކުޅެން އުނދަގޫވި ކަމަށެވެ.
"މެޗު އަނެއްހެން ގޯހެއް ނޫން. އިއްޔެ ނުބައި ގޮތެއް ވެފައި (ޝާޒް އިސްތިއުފާ ދިނުމުން) މާ ބޮޑަކަށް ރެޑީއެއް ނޫން. ހިތްހަމަޖެހޭ ދެއްކި ކުޅުމަށް ބަލާއިރު،" އަހުސަން ބުންޏެވެ.
މެޗުގެ ހަތް ވަނަ މިނިޓްގައި ދަ ގްރާންޑޭ އަށް ލީޑުނަގައިދިނީ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) އެވެ. އޭރިއާބޭރުން ދަ ގްރާންޑޭގެ އަހުމަދު ސިޒާން ޖެހި ބޯޅަ ޓީސީ ކުޅުންތެރިއަކު ފައިގައި ޖެހިފައި ލިބުނީ މުލަކޭ އަށެވެ. ރަނގަޅަށް ފޮނުވާލަން ވަގުތު ވެސް ލިބުމުން މުލަކޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ކައިރި ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ޓީސީން އެއްވަރުކުރީ މެޗުގެ 22 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް ޖެހި ގޯލުންނެވެ. މިއީ މެލްކޮމް އަށް ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ދަ ގްރާންޑޭ އަށް ދެ ވަނަ ފަހަރު ލީޑުނަގައިދޭން މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާތެރެއިން މުހައްމަދު ސަހާއު އަށް ލިބުމުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ސަހާއު ވަނީ ދަ ގްރާންޑޭ އަށް ލީޑުނަގައިދީފަ އެވެ. އޭރިއާބޭރުން ސަހާއު ޖެހި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ޓީސީގެ އަޒަރުބައިޖާން ކީޕަރު އާޒާދު އަތުގައި ޖެހިފައި ވަނީ ގޯލަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) ޖެހި ބޯޅަ ކީޕަރު އާޒާދު ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފްގައި ޓީސީން ވަނީ ނަތީޖާ ހަަމަހަމަ ކުރެވޭނެ ވަރަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަަނަވަސްކޮށްފަ އެވެ. ޓީސީގެ އަލީ ޝާމިސް (ތޮއްޕޭ) ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ޓީސީގެ ލަންކާ ޑިފެންޑަރު ޔޮގެންދުރަ ޑަކްސަން ބޮލުން ޖެހި ބޯޅަ ކީޕަރު އިޔާން ވަނީ މަތަކޮށްފަ އެވެ.
ދަ ގްރާންޑޭ އަށް ދެ ވަނަ ހާފްގައި ލަނޑު ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތޮލާލް ނަަސީރު އަށެވެ. ޓީސީ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ތޮލާލް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
މެޗާ ބެހޭގޮތުން ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ލީގުގެ ފުރަތަމަ ބުރުގައި 3-0 އިން ޓީސީ އަތުން މޮޅުވި މެޗުގައި ދެއްކި ވަރުގެ ކުޅުމެއް ނުދެއްކުނީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށެވެ. އެހެން ނަމަވެސް މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދަން ކަމަށްވެފައި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށް އިންމަ ބުންޏެވެ.
"އަޅުގަނޑުމެންގެ އެންމެ ކީ ޕްލޭޔަރު އިންޖަރީގައި އުޅުމާ. މުހިއްމު ވަގުތުގައި ސްޓްރައިކަރު (އަނިޔާވެގެން) ފޭބުމާއި މި ކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ދިމާވި. (އުޒްބެކިސްތާން މިޑްފީލްޑަރު) އަހްރޯރް ވެސް ކުޅެން އަރުވާފައި އެ ހުރީ 50 ޕަސެންޓް ހުއްޓައި. މި ކަހަލަ އުނދަގޫތަކެއް ވެސް ހުއްޓައި ކުރި މަސައްކަތުގެ ނަތީޖާ މި ފެނުނީ،" އިންމަ ބުންޏެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މުލަކޭ ބުނީ މި ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި މި ފަހަރު ލީގަށް ދަ ގްރާންޑޭގެ ޓާގެޓް ކަމަށްވާ ގަދަ ހަތަރެއްގެ ތެރޭގައި ނިންމަން އެ ޓީމުން ނުކުންނަނީ މެޗަކަށް ފަހު މެޗެއް މޮޅުވާން ކަމަށެވެ.