30 ޖެނުއަރީ 2021 - 10:28

ލަންޑަން (ޖެނުއަރީ 30) - ޗެލްސީ ކޯޗުކަމުގެ މަގާމުގައި ދެމިހުންނަން ބޭނުންނަމަ ތަށި ހޯދަން ޖެހޭނެ ކަމަށާއި އެ ޓީމާ ހަވާލުވީ އެކަން އެނގިހުރެ ކަމަށް ދާދި ފަހުން ޗެލްސީގެ ކޯޗަކަށް ހަމަޖެއްސި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޗެލްސީގެ ކޯޗުކަމުން ހޯމަ ދުވަހު ވަކިކުރި ފްރޭންކް ލަމްޕާޑްގެ މަގާމަށް މިދިޔަ މަހު ޕީއެސްޖީން ދޫކޮށްލި ޓުޗެލް ގެނައީ އަންގާރަ ދުވަހު އެވެ. ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޗެލްސީ ވަނީ ލަނޑެއް ނުޖެހި ވުލްވްސްއާ އެއްވަަރުވެފަ އެވެ.
ޓުޗެލް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު މިހާރު ވެސް އޭނާގެ ފޯކަސް ހުރީ ތަންކޮޅެއް ދިގު މުއްދަތަކަށް ޗެލްސީގެ ކޯޗަކަށް ދެމިހުރުމަށެވެ.
"ޗެލްސީ އަށް ސޮއިކުރާއިރު އެނގެންޖެހޭނެ މި ބަދަލުވެވެނީ ތަށި ހޯދަން އަބަދުވެސް ބޭނުންވާ ޓީމަކަށް ކަން. ކުޅޭ ކޮންމެ މުބާރާތެއްގައި ވާދަކޮށް ތަށި ބޭނުންވާނެ ޗެލްސީން. އަހަރެން މި ޓީމަށް މި އައީ އެކަން އެނގިހުރެ. މަގާމުގައި ދެމިހުރެވޭނީ އެކަން ކޮށްގެން ކަން އެނގޭ،" ޓުޗެލް ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ޗެލްސީ އޮތީ 20 މެޗުން 30 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ސިޓީން މެޗު ހަމަކުރާއިރު ޗެލްސީއާ ދެމެދު އޮތް ފަރަގު 14 ޕޮއިންޓަށް ބޮޑުުވުމުގެ ފުރުސަތު އެބައޮތެވެ. ޓުޗެލް ބުނީ ހަގީގަތާ ކުރިމަތިލާނަމަ ޗެލްސީން ޓާގެޓް ކުރަންވީ މި ފަަހަރު ގަދަ ހަތަރެއްގެ ތެރޭގައި ނިންމުމަށް ކަމަށެވެ.
"ރިއަލިސްޓިކް ގޮތަކަށް ވިސްނާނަމަ މި ސީޒަނުގައި ދެން އަހަރެމެންނަށް ވާދަކުރެވެން އޮތީ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕަށް. ޕްރިމިއާ ލީގުގައި އަހަރެމެން މަސައްކަތްކުރަންވީ ގަދަ ހަތަރަކަށް ވަންނަން. މީގެ ވިސްނަން ޖެހޭ ކަމަކީ ޗެލްސީ އަކީ ނަތީޖާ ނެރެން އަބަދުވެސް ބޭނުންވާ ޓީމެއް. ޓާގެޓެއް ކަނޑައަޅައި ފުރަތަމަ ދުވަހުން ފެށިގެން އެ އަށް މަސައްކަތްކުރަންޖެހޭ،" ޓުޗެލް ބުންޏެވެ.
ލަމްޕާޑް މި ސީޒަނުގައި ޗެލްސީ ވަރުގަދަކުރުމުގެ ގޮތުން 220 މިިލިއަން ޕައުންޑަށް ވުރެ ބޮޑަށް އާ ކުޅުންތެރިން ގެންނަން ހަރަދުކުރި އެވެ. އެންމެ އަގުބޮޑުކޮށް ގެނައި ދެ ކުޅުންތެރިން ކަމަށްވާ ޖަރުމަނުގެ މިޑްފީލްޑަރު ކައި ހަވާޓްޒް އާއި ފޯވާޑް ޓިމޯ ވާނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ފާޑުކިޔުން އަމާޒުވެފައިވާއިރު، ޓުޗެލް ވަނީ އެ ދެ ކުޅުންތެރިންގެ މޮޅު ކުޅުން ޗެލްސީގައި ދެއްކޭނެ ކަމަށް ބުނެފަ އެވެ.
ޓުޗެލް އަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް، 2003 ވަނަ އަހަރު އެ ކްލަބް ގަތް ފަހުން އެ ޓީމާ ހަވާލުވި 11 ވަނަ ފުލްޓައިމް ކޯޗެވެ. އަދި ސީޒަނެއްގެ މެދުތެރެއިން އެ ޓީމާ ހަވާލުވި ފަސް ވަނަ ކޯޗެވެ. ޗެލްސީގެ ކޯޗުކަމަށް މީގެ ކުރިން ސީޒަނުގެ މެދުތެރެއިން ގެނައި ކޯޗުންނަކީ އަވްރަމް ގްރާންޓް، ރޮބާޓޯ ޑި މަޓެއޯ، ގޫސް ހިޑިންކް އަދި ރަފައެެލް ބެނިޓޭޒް އެވެ. މީގެ ތެރެއިން ހިޑިންކް ވަނީ ސީޒަނެއްގެ މެދުތެރެއިން ދެ ފަހަރެއްގެ މަތިން ޗެލްސީއާ ހަވާލުވެފަ އެވެ.
ލީގުގައި ދެން ޗެލްސީ ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ބާންލީއާ ދެކޮޅަށެވެ.