31 ޖެނުއަރީ 2021 - 08:44

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް އިންތިހާބުވެއްޖެ އެވެ.
މި މަގާމަށް ފައިސަލް ހޮވުނީ އިއްޔެ ވާޗުއަލްކޮށް ބޭއްވި އޭސީސީގެ އަހަރީ އާންމު ޖަލްސާގެ ކުރިން ބޭއްވި އެސޯސިއޭޓް މެމްބަރުންގެ ބައްދަލުވުމުގަ އެވެ. ފައިސަލް އެ މަގާމަށް އިންތިހާބުވީ އެސޯސިއޭޓް މެމްބަރުންގެ ތެރެއިން ހުރިހާ މެމްބަރު ގައުމެއްގެ ވެސް ތާއީދާ އެކުގަ އެވެ.
ކްރިކެޓް ބޯޑުގެ ނައިބް ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ފައިސަލް އެ އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ފައިސަލް ވަނީ ގިނަ ޕްލޭންތަކެއް ހަދައި ރާއްޖޭގެ ކްރިކެޓް އެހެން ލެވަލަކަށް ގެންދިއުމަށް ގިނަ ކަންތައްތަކެއް ރާވައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ ކްރިކެޓަށް ލިބެން ހުރި ފުރުސަތުތައް އިތުރުކުރުމެވެ. އެގޮތުން ބައިނަލްއަގުވާމީ ކްރިކެޓްގެ އިސް މަގާމަކަށް ފައިސަލް އިންތިހާބުވުމަކީ އެކަމަށް ލިބޭނެ ފަސޭހައެކެވެ.
ފައިސަލްގެ އިތުރުން ރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ހުސެއިން (ކުޑަދޮނާ) ބަައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އޭސީސީގެ ރައީސްކަމާ އިންޑިއާ އިން ވަނީ ހަވާލުވެފަ އެވެ. އޭސީސީގެ ރައީސް ހޮވެނީ ޓެސްޓް ކްރިކެޓް ކުޅޭ ގައުމުތަކުގެ މެދުގައި ދައުރުވާ ގޮތަށެވެ. އިންޑިއާގެ ކުރިން އެންމެ ފަހުން އޭސީސީގެ ރައީސްގެ މަގާމު ފުރީ ބަންގްލަދޭޝް އިންނެވެ.
ކްރިކެޓް ބޯޑްގެ ކުރީގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އަންނަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ރީޖަނަލް އެސޯސިއޭޓް މެމްބާސް ބޯޑުގައި އޭޝިއާގެ އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރެއްގެ މަގާމު ދެ ވަނަ ދައުރަކަށް ފުރުއްވަމުންނެވެ. އަފްލާހު ވެސް ވަނީ ރާއްޖޭގެ ކްރިކެޓަށް ބައިނަލްއަގުވާމީ ގޮތުން އެކި ފުރުސަތުތައް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.