31 ޖެނުއަރީ 2021 - 11:37

ހެލްތު މިނިސްޓްރީން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ނުދޭ މައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ މިއަދު ބައްދަލުކޮށްފި އެވެ.
އެ މިނިސްޓްރީގެ ބައެއް އިވެންޓުތަކަށް ހުރިހާ މީޑިއާތަކަށް ދައުވަތު ނުދިނުމާއި މައުލޫމާތު ދިނުމުގައި ވެސް ތަފާތު ކުރުން ގެންގުޅޭ ކަމުގެ ޝަކުވާ މީޑިއާ ކައުންސިލަށް ވަނީ ހުށަހަޅައިފަ އެވެ. މިނިސްޓަރު ނަސީމް ވެސް ބައިވެރިވެވަޑައިގެން މި ފަހުން ހެލްތު މިނިސްޓްރީން ބޭއްވި ބައެއް އިވެންޓުތަކަށް މީޑިއާތަކަށް ހަމަހަމަ ފުރުސަތު ނުދިން މައްސަލައިގެ ޝަކުވާ، އެ މިނިސްޓްރީން މީޑިއާތަކަށް ޚާއްސަ ކޮށްފައިވާ ވައިބާ ގުރޫޕުގައި ވެސް ނޫސްވެރިން ވަނީ ކޮށްފަ އެވެ.
މީޑިއާ ކައުންސިލުން އިސްނަގައިގެން ހެލްތު މިނިސްޓަރާ މިއަދު ބައްދަލުކުރީ އެހެންވެ އެކަމަށް ހައްލެއް ހޯދުމަށެވެ.
މީޑީއާ ކައުންސިލްގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ އެ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އާއި ނައިބު ރައީސް ހުސައިން ސަގީފެވެ. މިނިސްޓަރު ނަސީމްގެ އިތުރުން އެހެން ބައެއް އިސްވެރިން އެ މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަތެވެ.
ތަފާތު ކުރުން ގެންގުޅޭ މައްސަލާގައި މީޑިއާ ކައުންސިލުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީން މި މަހުގެ 24 ގައި ބޭއްވި އިވެންޓަށް ބައެއް މީޑިއާތަކަށް ދައުވަތު ނުދޭ ކަމަށެވެ. އެއީ ހެލްތު މިނިސްޓަރުގެ މަގާމުގައި އަބްދުﷲ އަމީން ހުންނެވި އިރު ވެސް ހައްލު ނުލިބޭ މައްސަލައެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.