31 ޖެނުއަރީ 2021 - 14:48

އިންޑިއާގެ ހައިޑްރޮގްރަފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ހައިޑްރޮގްރަފީ ސާވޭއެއް ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނަން ކުރާ މި ސާވޭ އަންނަ މާޗު މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
މި ސާވޭގައި ހދ. ކުޅުދުއްފުށި ސަރަހައްދުން ލާޖް ސްކޭލް ޗާޓަކާއި އެއަށް ވުރެ ބޮޑު ސަރަހައްދަކަށް މީޑިއަމް ޗާޓެއް ހަދާނެ އެވެ. ލާޖް ސްކޭލް ޗާޓު ހަދާ ސަރަހައްދު މީޑިއަމް ސްކޭލް ޗާޓަށް ވުރެ ކުޑަވި ނަމަވެސް އޭގައި ހިމެނޭ ތަފްސީލް ގިނަ ވާނެ އެވެ.
މި ސާވާ ހެދުމަށްޓަކައި އިންޑިއާގެ އަސްކަރީ އުޅަނދު "ދަރްޝަކް" މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.
އެމްއެންޑީއެފްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ކޮމާންޑަންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ މިފަދަ ކަންކަމުގައި އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޗާޓު ފަދަ ތަކެތި ނެތުމުން ކަނޑުމަތީގެ އެކްސިޑެންޓެއް ދިމާވުމުން އުފުލަންޖެހޭ ތަކުލީފު ބޮޑު ކަމަށެވެ.
"އަޕްޑޭޓެޑް ޗާޓް ނެތް ނަމަ އެކްސިޑެންޓެއް އެއްޗެއް ދިމާވި ނަމަވެސް އެކަމާ ގުޅިގެން ދެން ހަދަންޖެހޭ ލީގަލް ކަންތައްތަކުގައި ކުރަންޖެހޭ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.
މި ފަދަ ޗާޓެއްގައި ހިމެނެނީ ނެވިގޭޝަނަށް ބޭނުންވާ މައުލޫމާތު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން 2007 ވަނަ އަހަރު އަދި 2009 ވަނަ އަހަރު ވެސް މި ފަދަ ސާވޭތަކެއް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިންޓަނޭޝަނަލް ޕޯޓުތައް އަޕްޑޭޓްކުރުމުގައި މާލެ އަދި އައްޑޫ ސަރަހައްދުގެ ޗާޓުތަކެއް މީގެ ކުރިން ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިދްފާ ނައީމް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ 2019 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެން ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި މި މަސައްކަތް ހިމެނޭ ކަމަށެވެ.
"މަޝްވަރާކުރި އެއް ކަމަކީ ރާއްޖޭގައި މިހާރު ސަރުކާރުން ފޯލްޓީ ކަމަށް ކަނޑައާޅާފައިވާ ޗާޓުތައް ކުރެހުމާއި އެ މައުލޫމާތު އެއްކުރުމުގައި އިންޑިއާގެ ޓެކްނިކަލް އެކްސްޕާޓީސްއާ އެކު ކުރިއަށް ގެންދިއުން،" މިދްފާ ވިދާޅުވި އެވެ.
މި މަސައްކަތުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެތޯ ކުރި ސުވާލުތަކަށް އެމްއެންޑީއެފުން ބުނީ ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށާއި މިއީ އަތޮޅުތެރޭގެ ފަރުތައް ހުރިގޮތް ދެނެގަންނަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފައިދާ ވާނީ ދިވެހި ދަތުރުވެރިންނަށް ކަމަށް ވެސް ބުންޏެވެ.