މާލެއިން 88 އާ އެކު ކޮވިޑް ކޭސްތައް 105 ގައި
މާލެއިން 88 އާ އެކު ކޮވިޑް ކޭސްތައް 105 ގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު ކޮންމެ ދުވަހަކު ޕޮޒިޓިވާ އަދަދު 100 އިން މައްޗަށް ގޮސް މިއަދު ވެސް އިތުރު 105 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެެރެއިން 88 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. ދެން ތިބީ ރިސޯޓްތަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން ރިސޯޓްތަކުން 12 މީހަކާއި ރަށްރަށުން ހަތަރު މީހަކީ އުޅަނދަކުން އެކަކު ޕޮޒިޓިވް ވެފައިވެ އެވެ.

މިއަދުގެ އަދަދުތަކާ އެކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15،800 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. މިވަގުތު ފަރުވާ ދެނީ 1،644 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި 163 މީހަކު އެޑްމިޓްކޮށް ފަރުވާ ދެމުން އާދެ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 14،139 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް މަރުވީ 52 މީހަކަށެވެ. މި މަހު ހަތަރު މީހަކު މަރުވެފައި ވާއިރު އެންމެ ފަހުން މީހަކު މަރުވީ މިރޭ އިރާކޮޅު އެވެ.

ކޮވިޑްގެ ކޭސްތައް ގިނަވެ އަނެއްކާވެސް ކަންބޮޑުވުން އިތުރުވެފައި ވާއިރު ރާއްޖޭން އަންނަނީ މާދަމާ ކޮވިޑް ވެކްސިން ޖަހަން ފެށުމަށް ތައްޔާރުވަމުންނެވެ.