ކޭސްތައް އިތުރުވާތީ ދުބާއީގައި ފިޔަވަޅުތައް ހަރުކަށިކުރަނީ
ކޭސްތައް އިތުރުވާތީ ދުބާއީގައި ފިޔަވަޅުތައް ހަރުކަށިކުރަނީ

ދުބާއީ (ފެބްރުއަރީ 2) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުންދާތީ ދުބާއީގައި ކުރިން ދީފައިވާ ލުއިތައް ހަރުކަށި ކުރަން ފަށައިފި އެވެ.

އެ ގޮތުން މި މަހުގެ ނިޔަލަށް ބާތައް ބަންދު ކުރަން އިއްޔެ ވަނީ އަންގައިފަ އެވެ. ސިނަމާތަކާއި އިންޑޯ ކުޅިވަރުތައް ބޭއްވޭނީ އެ ތަންތަނުގެ ޖާގައިގެ 50 ޕަސެންޓް މީހުންނަށް ވަދެވޭ ގޮތަށް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ދުބާއީގެ ބޮޑެތި ޝޮޕިން މޯލްތަކާއި ހޮޓާތައް އަދި ސްވިމިން ޕޫލްތަކާއި ޕްރައިވެޓް ބީޗްތައް އޮޕަރޭޓް ކުރަން ޖެހޭނީ 70 ޕަސެންޓް ކެޕޭސިޓީގައި ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ރެސްޓޯރެންޓްތަކާއި ކެފޭތައް ދަންވަރު 1 ޖަހާއިރު ބަންދު ކުރަން ވެސް ވަނީ އަންގައިފަ އެވެ.

"އާއްމު ސިއްހަތުގެ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ގަސްދުގައި ޚިލާފުވާ މީހުންނަށް ހަރުކަށި އަދަބު ދެވޭނެ،" ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ދުބާއީން މަސައްކަތްކޮށްފައި ވަނީ ބޯޑަރު ބަންދުނުކޮށް ކޮވިޑް ކޮންޓްރޯލް ކުރުމަށެވެ. ޖުލައި މަހުން ފެށިގެން ދުބާއީ ވަނީ ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. ކަރަންޓީނުވާން ނުޖެހި ދަތުރު ކުރެވޭ މަދު ތަންތަނުގެ ތެރޭގައި ދުބާއީ ހިމެނެ އެވެ.

ޔޫއޭއީ އަކީ އިޒްރޭލަށް ފަހު އެންމެ ކާމިޔާބުކަމާ އެކު ކޮވިޑް ވެކްސިން ޕްރޮގްރާމް ހިންގާ ގައުމެވެ. އެ ގައުމުގެ އާބާދީގެ 10 މިލިއަން މީހުންގެ ތެރޭން ގާތްގަނޑަކަށް 3.4 މިލިއަން މީހުންނަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިހާތަނަށް 306,339 މީހުން ޕޮޒިޓިވްވެފައިވާ އިރު 859 މީހުން ވަނީ މަރުވެފަ އެވެ. ޔޫއޭއީގައި ދާދި ފަހުން ދުވާލަކު އެވްރެޖްކޮށް 4،000 މީހުން ޕޮޒިޓިވްވި ނަމަވެސް އިއްޔެ ވަނީ 2،730 އަށް ދަށްވެފަ އެވެ.