03 ޖޫން 2016 - 16:57

ގުދުސް (ޖޫން 3) - އިޒްރޭލުގެ ޖަލުގައި ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ޕާލަމެންޓުގެ މެންބަރު ޚާލިދާ ޖައްރާރު 14 މަހަށް ފަހު އިޒްރޭލުން މިއަދު މިނިވަންކޮށްފި އެވެ.

އޭނާ މިނިވަން ކުރީ ހުޅަނގު އައްސޭރީގެ ސިޓީ ތުލްކުރަމް ކައިރީގައިވާ ޖުބަރާ ޗެކް ޕޮއިންޓެއްގަ އެވެ.
ޖައްރާރަކީ ޕޮޕިއުލާ ފްރަންޓް ފޯ ލިބަރޭޝަން އޮފް ޕަލަސްތީން (ޕީއެފްއެލްޕީ) ގެ ސީނިއާ މެންބަރެކެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު އޭނާ 15 މަހަށް ޖަލަށްލީ އިޒްރޭލާ ދެކޮޅަށް ހަމާލާ ދޭ ކަމުގެ ތުހުމަތުގަ އެވެ. އިޒްރޭލުގެ ޕްރިޒަން ސާވިސް އިން ބުނީ މުއްދަތު ހަމަވުމުގެ އެއްމަސް ކުރިން އޭނާ މިނިވަން ކުރީ "އިދާރީ ނިންމުމެއްގެ" ދަށުން ކަމަށެވެ.
ޖައްރާރަކީ ފަލަސްތީނުގެ ޕާލަމެންޓުގެ މެންބަރެއް ނަމަވެސް 2007 ވަނަ އަހަރުގެ ފަހުން ޕާލަމެންޓް ބައްދަލުކޮށްފައެއް ނުވެ އެވެ.
އިޒްރޭލުން ގަބޫލް ކުރަނީ ޕީއެފްއެލްޕީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. ޖައްރާރު ހައްޔަރު ކުރުމަށް ފަހު އިޒްރޭލުން ބުނެފައި ވަނީ އޭނާ އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. ޖައްރާރުގެ އިތުރުން ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ ހަ މެންބަރަކު އިޒްރޭލުން ބަންދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނާސް ކްލަބުން ބުނެފައިވެ އެވެ.