02 ފެބުރުއަރީ 2021 - 19:27

ކޮވިޑް-19 އިން ރައްކާތެރިވުމަށް، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް މާދަމާ ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ވަނީ ވެކްސިން ޖަހަން my.health.mv ގައި ވީހާ ވެސް އަވަހަކަށް ރަޖިސްޓަރީވާން އެދިފަ އެވެ. އެ ޕޯޓަލްގައި ރަޖިސްޓަރީވާން އެހީތެރިކަން ބޭނުން ނަމަ 1676 އަށް ގުޅުމަށް އެދިފައި ވެ އެވެ.
މާލެ ސަރަހައްދުގައި، ކޮވިޑުގެ އެންމެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ސޯޝަލް ސެންޓަރާއި އޭޑީކޭ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ސެނަހިޔާގަ އެވެ.
ވެކްސިން ޖަހަން ދާއިރު، އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހެ އެވެ. އެއީ ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުމާއި ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދަން އަދި ވެކްސިން ޖަހާ މީހާއާ އެކީގައި އެކަކަށް ވުރެ ގިނަ މީހުން ނުދާން ވެސް އެދިފައި ވެ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ އިއްޔެގަ އެވެ. ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވާހެން ދައުލަތުގެ އެންމެ އިސް ތިން ވެރިން ވެސް ވެކްސިން ޖައްސަވާފައި ވެ އެވެ.
ފުރަތަމަ ދުވަހު، މާލޭގެ ހަ މަރުކަޒަކާއި ހދ. ކުޅުދުއްފުށީ އަދި އައްޑު އިން ޖުމުލަ 282 މީހުން ވެކްސިން ޖަހާފައި ވެ އެވެ.
ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ އޮކްސްފޯޑް ވެކްސިނެވެ. އިންޑިޔާ އިން ވަނީ މީގެ އެއްލައްކަ ޑޯޒް ހަދިޔާ ކޮށްފަ އެވެ. އަދި ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން އިތުރު ހަތް ލައްކަ ޑޯޒް ވެކްސިން ގަންނަން ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.