14 ނޮވެމްބަރ 2016 - 07:19

ހަނދަކީ ރީތި އަންހެން ކުދިންގެ ޗާލުކަން ބަޔާން ކުރުމަށް މިސާލު ޖަހައި އުޅޭ އެއްޗެކެވެ. އެހެންކަމުން މެދުފޮއި ރޭތަކުގައި ދެ ލޯބިވެރިން ބައްދަލުވެ އުޅުމަކީ އިހުގައި އޮތް އާދައެކެވެ. އެންމެ ރީތި އަލިކަމަކީ ހަނދުވަރެވެ. އެ ހަނދުގެ ފުރިހަމަކަމާއި ބާރުގެ ސަބަބުން، ޖިންނި އަވަލާފައި ތިބޭ މީހުން، ހަނދު ބޮޑުވާ މޫސުމަށް މޮޔަވެޔޭ ވެސް ބުނެ އުޅެ އެވެ.

މި ރެއަކީ އެފަދަ ރެއެކެވެ. މިއިން ޒަމާނަކު ވެސް ނުފެންނަ ވަރަށް ހަނދުގެ އުޖާލާކަން މިރޭ ގަދަ ވާނެ އެވެ. އަދި އިރުމަތީ ފަރާތު އުދަރެހުން ހަނދު އަރައިގެން އަންނަ އިރު، ހަނދު ފެންނާނީ ވެސް އެހާމެ ބޮޑުކޮށެވެ. ތަންކޮޅެއް ދުރުގައި ހުރެ، އިރުމަތީ ފަރާތުގައި ހުންނަ އިމާރާތެއް ނުވަތަ ގަހެއް ފަދަ އެއްޗަކާ އަޅުވައި ބަލައިލައިފި ނަމަ، ހަނދު އެހުރީ އަތް ފޯރާހާ ކައިރީގައި ކަމަށް ވެސް ގަބޫލު ކުރެވިދާނެ އެވެ.

މިރޭ ފެންނަ ބިޔަ ހަނދުގެ އިތުރުން ވެސް މި ނޮވެމްބަރު މަހަކީ، ފަލަކީ ހިތްގައިމު މަންޒަރުތަކުން އުފާވެރިކަން ހޯދާ މީހުންނަށް ވަރަށް މުހިންމު ދުވަސްކޮޅެކެވެ. ފަޅި ހަނދާ ވަރަށް ކައިރިން، މި މަހުގެ 5 އަދި 6 ވަނަ ދުވަހުގެ ރޭ ރަތް ޕްލެނެޓް ނުވަތަ މާސް ފެނުނު އިރު، މި މަހުގެ ތެރޭގައި "ޓައުރީޑް" ގިނިހިލަ ވާރޭގެ މަންޒަރުތައް ވެސް ފެނިގެންދާނެ އެވެ. އެންމެ ބޯކޮށް މި މަންޒަރު ފެނިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރެ އެވެ. އޭގެ އިތުރުން "ލިއޮނިޑް" ގިނިހިލަ ވާރޭ މި މަހުގެ 15، 16 ގެ ތެރޭގައި ފެންނާނެ އެވެ. ހަމަ އެއާ އެކު އިތުރު ޕްލެނެޓްތައް ވެސް އެހާމެ ސާފުކޮށް މި ދުވަސްވަރު އުޑުމަތިން ފެންނާނެ އެވެ.

މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭނީ މި ރޭ ފެންނަ ބިޔަ ހަނދު ނުވަތަ ސުޕަ މޫން އެވެ. މީގެ ކުރިން އެންމެ ފަހުން، އެންމެ ބިޔަ ހަނދެއް ފެނިފައިވަނީ 1948 ވަނަ އަހަރުގެ ތެރޭގަ އެވެ. ބިޔަ ހަނދު މިރޭ ފެންނަ އިރު، އާންމު ގޮތެއްގައި ފެންނަ ހަނދަށް ވުރެ ގާތްގަނޑަކަށް 14 ޕަސެންޓް ބޮޑުވާނެ އެވެ. އަދި 30 ޕަސެންޓް އަލި ގަދަ ވާނެ އެވެ.

މިރޭ މި ފެންނަ ބިޔަ ހަނދަކީ، 70 އަހަރުގެ ތެރޭގައި ފެންނާނެ އެންމެ ބިޔަ ހަނދެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނާ ގޮތުގައި 21 ވަނަ ގަރުނުގައި ވެސް ފެންނާނެ އެންމެ ބިޔަ ހަނދެވެ. އަދި އިރާއި ހަނދާއި މި ބިން ދައުރު ކުރަމުންދާ ބުރުޖުތަކަށް ބަލާއިރު، މި ރެ އަށް ފަހު މިހާ ކައިރިން ހަނދު ދެން ފެންނާނީ ނޮވެމްބަރު 25، 2034ގަ އެވެ.

ހަނދަކީ އެކި ދުވަސްވަރަށް އޭގެ ބޮޑުމިނަށް އެއްވެސް ބަދަލެއް އަންނަ އެއްޗެއް ނޫނެވެ. އަދި ހަނދަކީ އޭގެ ޒާތުގައި އެއްވެސް އަލިކަމެއް އެއިން އުފައްދައިދޭ އެއްޗެއް ވެސް ނޫނެވެ. އެހެންކަމަށްވާ އިރު، ހަނދުގެ ސައިޒް ބޮޑުވާންވީ އަދި ހަނދުގެ އަލިކަން ގަދަ ވާންވީ ކީއްވެ ހެއްޔެވެ؟
މި ފަލަކީ ހާލަތު މެދުވެރިވަނީ މި ބިމުގެ ވަށައިގެން ހަނދު ދައުރުކުރާ ބުރުޖު (އޯބިޓް)ގެ ބައްޓަން އޮންނަ ގޮތުންނެވެ. ބިމުގެ ވަށައިގެން ހަނދު ދައުރު ކުރަނީ ފުރިހަމަ ވަށް ބުރުގެ ބުރުޖެއްގައެއް ނޫނެވެ. މި ބިމުގެ ވަށައިގެން ހަނދު ދައުރު ކުރަނީ ކުކުޅުބިސް ބުރުގެ (އޯވަލް ނުވަތަ އެލިޕްޓިކަލް) ބުރުޖެއްގަ އެވެ.
މިހެންވުމުން، މަހުގެ އެކި ދުވަސްވަރު ހަނދާއި މި ބިމާ ދެމެދު ހުންނަ ދުރުމިން ތަފާތުވެ އެވެ. އަދި ހަނދުގެ އަލިކަން ވެސް ތަފާތުވެ އެވެ. ނަމަވެސް އެއީ ހަމަ ލޮލުން ދެނެގަނެވޭ ވަރަށް ވުރެ ކުޑަ ތަފާތަކަށް ވާތީ ހަނދުގެ އަލިކަމަށް އަންނަ ތަފާތުތައް ފާހަގަނުކުރެވެނީ އެވެ.
ދެން އަނެއް ސުވާލަކީ، ބިމުގެ ވަށައިގެން ކޮންމެ މަހަކު އެއް ފަހަރު ބިސްބުރުގެ ބުރުޖެއްގައި ބުރެއް ފުރިހަމަ ކުރާ އިރު، ކޮންމެ މަހަކު އެއްފަހަރު ބިޔަ ހަނދު ނުފެންނަނީ ކީއްވެ ހެއްޔެވެ؟
އެ ސުވާލަށް ޖަވާބެއް ހޯދާއިރު، ސިކުނޑީގައި ފުރަތަމަ ބަހައްޓަންވީ ކަމަކީ، ބިމުގެ ވަށައިގެން ހަނދު ދައުރު ކުރަމުންދާ އިރު، ހަނދާ އެކުގައި މި ބިން ދަނީ އިރުގެ ވަށައިގެން ވެސް ދައުރު ކުރަމުން ކަމެވެ. ދެ ވަނަ ކަމަކީ ބިމުގެ ވަށައިގެން ހަނދު ދައުރު ކުރަމުންދާ އިރު، ކޮންމެ ހަނދު މަހެއްގައި ވެސް ހަނދު އެއްގޮތަކަށް ވެސް ނުފެންނަ ދުވަސްވަރެއް އަންނަ ކަމެވެ. އަދި ތިން ވަނަ ކަމަކީ ހަނދު ފެންނަ އިރު ވެސް ފެންނަނީ އެކި ރޭ އެކި މިންވަރަށް ކަމެވެ.
އިރަށް ނިސްބަތް ކުރާއިރު މި ބިމުގެ ދެ ފަރާތެއް ވެ އެވެ. އެއީ އިރާ ކައިރި ފަރާތާއި އިރާ ދުރު ފަރާތެވެ. މިސާލަކަށް އިރު އަރަމުންދާ ވަގުތުގައި ނަމަ އަޅުގަނޑުމެންނަށް އިރާ ކައިރި ފަރާތަކަށް ވާނީ އިރުމަތީ ފަރާތެވެ. އިރާ ދުރު ފަރާތަކަށް ވާނީ ހުޅަނގު ފަރާތެވެ. އިރު އޮއްސޭ ވަގުތުގައި ނަމަ އިރާ ކައިރި ފަރާތަކީ ހުޅަނގު ފަރާތެވެ. އިރާ ދުރު ފަރާތަކަށް ވާނީ އިރުމަތީ ފަރާތެވެ.
އެހެންކަމުން، ކުކުޅު ބިސް ބުރުގެ ބުރުޖުގައި ހަނދު ދައުރު ކުރަމުންދާ އިރު، ކޮންމެ މަހަކު ވެސް އެއް ފަހަރު، މި ބިމާ އެންމެ ކައިރި އަށް ހަނދު އަންނާނެ އެވެ. އަދި މަހަކު އެއް ފަހަރު މި ބިމާ އެންމެ ދުރަށް ވެސް ހަނދު ދާނެ އެވެ. މި ދެންނެވި ބިސްބުރުގެ ބުރުޖުގައި ހަނދު ދައުރު ކުރަމުންދާ އިރު، މި ބިމާ އެންމެ ދުރަށް ހަނދު ދާނީ 406،700 ކިލޯމީޓަރު (252،700 މޭލު) އަށެވެ. އަދި މި ބިމާ އެންމެ ކައިރި އަށް ހަނދު އަންނާނީ 356،500 ކިލޯމީޓަރު (221،500 މޭލު) އަށެވެ.
ނަމަވެސް އިރުގެ ވަށައިގެން މި ބިން ދައުރު ކުރަމުން ދާ ގޮތުގެ ސަބަބުން، އިރާ ކައިރި ފަރާތުގައި ހަނދު ހުންނަ ވަގުތެއްގައި ނަމަ، މި ބިމުގައި ހުންނަ މީހަކަށް ހަނދު ނުފެންނާނެ އެވެ. މިއާ ޚިލާފަށް ހަނދު ހުރީ އިރާ ދުރު ފަރާތުގައި ކަމަށްވާ ނަމަ، ހަނދު ފެންނާނެ އެވެ. އެހެންކަމުން މި ބިމާ ކިތަންމެ ކައިރި އަށް ހަނދު އައި ކަމުގައި ވިޔަސް، ހަނދު ހުރީ އިރާ ކައިރި ފަރާތުގައި ކަމަށްވާ ނަމަ، ހަނދެއް ނުފެންނާނެ އެވެ.
މިއަދުގެ އިރު އޮއްސޭ އިރު ހަނދު ހުންނަ މިސްރާބަށް ބަލާއިރު، ހަނދު ހުންނާނީ އިރާ ދުރު ފަރާތުގަ އެވެ. ހިޖްރީ ކަލަންޑަރުން މިއަދުގެ އިރު އޮއްސުމާ އެކު އެއީ ޞަފަރު މަހުގެ 15 ވިލޭރެ އެވެ. މިއަދުގެ އިރު އޮއްސޭނީ ހަވީރު 5:48 ގަ އެވެ. އަދި މިއަދު ހަނދު އަރާނީ ހަވީރު 5:50ގަ އެވެ. މާނައަކީ މިއަދުގެ އިރު އޮއްސޭ އިރު، ޞަފަރު މަހުގެ 15 ވަނަ ވިލޭރޭގެ ހަނދު އިރުމަތީ ފަރާތުން އަރާނެ އެވެ.
އެހެންކަމުން މިއަދުގެ އިރު އޮއްސި އަނދިރިކަން ޖައްވަށް ވެރިވަމުންދާ ވަރަކަށް، ހަނދު ދާނީ އުދަރެހުން މައްޗަށް އަރަމުން އޭގެ އަލި ގަދަވަމުންނެވެ. މިއަދު މި ބިމުގެ ނިސްބަތުން ބަލާ ނަމަ، އިރު ހުންނާނީ ސީދާ ހަނދަށް ކުރިމަތިވާ ގޮތަށް ކަމަށް ވުމުން، ބިމަށް ފެންނަން ހުންނަ ހަނދުގެ ސަރަހައްދު އެކުގައި ހުންނާނީ އިރުގެ އަލި އެޅި ދިއްލިފަ އެވެ. ނަތީޖާއެއްގެ ގޮތުން މި ބިމަށް ހަނދު ފެންނާނީ މުޅި ހަނދު އެކުގައި ދިއްލިފައި ހުއްޓަ އެވެ. ނުވަތަ ފަނަރަ ވިލޭރޭގެ ފުރިހަމަ ހަނދެކެވެ.
މި ހާލަތު މި މަހުގެ ތެރޭގައި މި މެދުވެރިވަނީ ހަނދު މި ބިމާ އެންމެ ކައިރި އަށް އަންނަ ވަގުތު ކަމަށް ވުމުން ހަނދު ފެންނާނީ އެހެން ދުވަސްތަކަށް ވުރެ ބޮޑު ކޮށެވެ. އަދި ހަނދު ބިމާ އެންމެ ކައިރިވާ ވަގުތު ހަނދު ހުންނާނީ އިރާ ދުރު ފަރާތުގައި ކަމަށް ވެފައި ހަނދު އެކުގައި ދިއްލިފައި ހުރުމުން، ހަނދުގެ އަލިކަން ވެސް އެހެން ރޭރޭގެ ހަނދުގައި ހުންނަ އަލިކަމަށް ވުރެ ގަދަ ވާނެ އެވެ.
މި މަހުގެ ހަނދު ފުރިހަމަ ހަނދަކަށް ވެގެން ދާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 6:52ގަ އެވެ. މާނައަކީ އިރުގެ އަލިކަން ހަނދަށް އެޅިފައި ހުންނަ މުޅި ސަރަހައްދު މި ބިމަށް ފެންނަ މިސްރާބަށް ހަނދު އަންނާނީ އެ ވަގުތުގަ އެވެ. އަދި މި މަހުގެ ތެރޭގައި ބިމާ އެންމެ ކައިރި އަށް ހަނދު އަންނާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:24ގަ އެވެ. އެ ވަގުތު އިރާއި ބިމާ ދެމެދު ހުންނާނީ 356،511 ކިލޯމީޓަރު (221،524 މޭލު) އެވެ.
އެހެންކަމުން މިއަދުގެ އިރު އޮއްސިގެންދާ އިރު، ހަނދު އަރައިގެން އަންނާނީ މީގެ ކުރިން ނުފެންނަހާ ބޮޑުކޮށް އަދި އެހާމެ އަލި ގަދަކޮށެވެ. މި ރޭގެ ހަނދަކީ ހަމަ ގައިމު ވެސް ފޮޓޯގްރާފަރުންގެ މުހިންމު އަމާޒަކަށް ވާނެ އެވެ. ނަމަވެސް ހަނދު އޭގެ ޒާތުގައި ފޮޓޯއެއްގައި ފްރޭމް ކޮށްލުމަކުން ހަނދުގެ ބޮޑުކަމާއި ރީތި ކަން ނުފެނިދާނެ އެވެ.
އޭގެ ބަދަލުގައި، ފޮޓޯގެ ފޯގްރައުންޑްގައި ކޮންމެވެސް އެއްޗެއް ހުންނަ ގޮތަށް، ނުވަތަ އުސް އިމާރާތެއް ނުވަތަ އުސް އެންޓަނާއެއް ނުވަތަ ފްލައިޓެއް، ގަހެއް ފަދަ އެއްޗަކާ އަޅުވާފައި ނެގުމުން ހަނދުގެ ބިޔަކަން ފޮޓޯ އިން ވަރަށް ރީއްޗަށް ފެނިގެންދާނެ އެވެ. އަދި މީގެ ކުރިން 14، 15 ވިލޭރޭ ނަގާފައިވާ ހަނދުގެ ފޮޓޯއެއް އޮތް ނަމަ، ހަމަ އެ ވަރަށް ޒޫމްކޮށް މިރޭ ހަނދުގެ ފޮޓޯއެއް ނަގާފައި ދެ ފޮޓޯ އަޅުވައި ބަލައިލުމުން މިރޭގެ ހަނދުގެ ބޮޑުކަން ފާހަގަ ކުރެވިގެންދާނެ އެވެ.
މިއީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ. ނަމަވެސް ނަސީބު ހުރި ވަރު އެނގޭނީ މިރޭގެ އިރު އޮއްސުމަށް ފަހު އުޑުމަތި ސާފު ނަމަ އެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ!