05 ފެބުރުއަރީ 2021 - 22:50

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 137 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 2،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.
އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެކު، މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 16،547 އަށް އެރީ އެވެ. އޭގެ ތެރެއިން މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 2،014 މީހުންނެވެ.
ކޮވިޑަށް ޕޮޒިިޓިވްވާ މީހުންގެ އަދަދު ދަށްކޮށް ހުރުމަށް ފަހު އަލުން އިތުރުވާން ފެށީ، އިނގިރޭސި ވިލާތުން ފެނުނު ކޮވިޑްގެ އާ ސްޓްރެއިން ރާއްޖެގައި ވެސް މިހާރު އުޅޭތީ އެވެ. ބަލީގެ އެކްޓިވް ކޭސްތައް 1،000 އަށް ވުރެ ދަށުގައި ގިނަ ދުވަހަކު ހުރުމަށް ފަހު، އެ އަށް ވުރެ އިތުރުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 110 މީހުން ކަމަށެވެ. އަދި ރަށްރަށުން 20 މީހަކު ޕޮޒިޓިވްވި ކަމަށާއި ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް މިހާރު ހުރީ 193 ގަ އެވެ. ބައްޔަށް ޕޮޒިޓިވްވާ މިީހުންގެ އަދަދު އިތުރުވުމުން ސިއްހީ ނިޒާމަށް ބާރުބޮޑުވެދާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ކަންފަސޭހަ ނުކުރަން އެ އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ. މި ބަލި ޖެހިގެން މިހާތަނަށް 54 މީހަކު މަރުވެފައި ވެ އެވެ.
މީގެ އިތުރުން 1،003 މީހަކަށް މިއަދު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ކޮވިޑަށް ވެކްސިން ޖެހި 787 މީހުންނާއި ރަށްރަށުން ވެކްސިން ޖެހި 216 މީހުންނެވެ. މިހާތަނަށް ޖުމްލަ 4،269 މީހުންނަށް ވެކްސިން ދީފައި ވެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަނެއްކާ ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލެ ސަރަހައްދަށް ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް ކާފިއު އިއުލާންކޮށްފައިވާ އިރު، ރޭގަނޑު 8:30 ގެ ފަހުން ވެހިކަލް ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.